ކުރިއަށްދާ ހަނގުރާމައިގައި އީރާނަށް އެހީތެރިވުމަށް ރަޝިޔާއިން ކުރާ ކަމެއް ނެތް ކަމަށާއި، އެހީތެރިވި ނަމަވެސް އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅިދާނެތީ ރަޝިޔާއާ ދެކޮޅަށް އަޅަން ނިންމާފައިވާ ދަތިކުރުމުގެ އާ ފިޔަވަޅުތައް ފަސްކުރެއްވުމަށް ފަހު ޓްރުތު ސޯޝަލްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، ރަޝިޔާއަށް ކުރެވެން ހުރި ކަންކަމާ އަޅައި ބަލާއިރު އީރާނަށް އެ ގައުމުން ދޭ އެހީތެރިކަން ވަރަށް ކުޑައެވެ. އަދި އެކަން އެގޮތުގައި ބޭއްވުމަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުގައި ބުނާ ގޮތުން ރަޝިޔާއާއި ޗައިނާއިން އަންނަނީ އީރާނަށް އަސްކަރީ ގޮތުން އެހީތެރިވަމުންނެވެ. މި ރިޕޯޓުތައް ދޮގުކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ދެ ގައުމުން އީރާނަށް އެއްވެސް ވަރަކަށް އެހީތެރިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ރަޝިޔާގެ ޑީސަލް ސާފުކުރާ ކާރުހާނާތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ޑީސަލް ބާޒާރަށް އޭގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.

އީރާނާ ދެކޮޅަށް ފަށާފައިވާ މަސައްކަތް އެމެރިކާއިން ނިންމައިލަފާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރަށް އީރާނުން ވަނީ ރައްދުދީފައެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، އީރާނުން ވެސް ނުނިމި ހުރި ކަންތައްތަކެއް އެބަހުއްޓެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަސައްކަތްކުރައްވަނީ ޖަލަށް ވަޑައިގަންނަވަން ޖެހިދާނެތީ އެމެރިކާ އިތުރު ހަނގުރާމައެއްގެ ތެރެއަށް ވެއްދުމަށް ކަމަށް ވެސް އަރަގްޗީ ތުހުމަތުކުރެއްވިއެވެ.