އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޖާންސީ ކޯޓަކުން، ބޮލީވުޑްގެ މަޝްހޫރު ފަންނާނު ރާކީ ސާވަންތު ހައްޔަރުކުރުމަށް ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ފަދަ އަމުރެއް ނެރެފިއެވެ.
މި އަމުރު ނެރެފައިވަނީ 2010 ވަނަ އަހަރު މީހަކު އަމިއްލައަށް މަރުވި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް އޭނާ ހާޒިރުވެފައި ނުވާތީއެވެ.
ޑިސްޓްރިކްޓް ގަވަމަންޓް ކައުންސެލް މްރިދުލް ކާންތު ސްރިވާސްތަވާ ވިދާޅުވި ގޮތުގައި، ސިވިލް ޖަޖް އަންޖަލީ މި އަމުރު ނެރުއްވީ ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ރާކީ ހާޒިރުވެފައި ނުވާތީއެވެ. އަންނަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު އޮންނަ އަޑުއެހުމަށް ރާކީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައަކީ 2010 ވަނަ އަހަރު ޓީވީން ދެއްކި "ރާކީ ކާ އިންސާފް" ޕްރޮގްރާމުގައި ބައިވެރިވި ލަކްޝްމަން ޕްރަސާދު އަހިރްވާރު ނަމަކަށް ކިޔާ އުމުރުން 24 އަހަރުގެ ޒުވާނަކު އަމިއްލައަށް މަރުވި ހާދިސާއާ ގުޅޭ މައްސަލައެކެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަކްޝްމަންއާއި އޭނާގެ އަންހެނުން އެ ޕްރޮގްރާމުގައި ބައިވެރިވީ ދެމަފިރިންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަކަކަށް ހައްލެއް ހޯދުމަށެވެ. ނަމަވެސް އެ ޕްރޮގްރާމުގެ ތެރެއިން ރާކީ ވަނީ ލަކްޝްމަންއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް، ބޭއަދަބީ ބަސްތައް ބޭނުންކޮށްފައެވެ.
ލަކްޝްމަންގެ މަންމަ ސާވިތުރީ ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި، ޕްރޮގްރާމަށްފަހު ލަކްޝްމަންއަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކޮށް، ކެއިންބުއިން ހުއްޓާލައި، ފަހުން ވަނީ އަމިއްލައަށް މަރުވެފައެވެ.
މިކަމާ ގުޅިގެން ރާކީއާއި އެ ޕްރޮގްރާމުގެ ޕްރޮޑަކްޝަން ޓީމާ ދެކޮޅަށް އިންޑިއަން ޕީނަލް ކޯޑުގެ ދަށުން މީހަކު އަމިއްލައަށް މަރުވުމަށް މަގުފަހިކުރުމާއި، ގަސްތުގައި މީހެއްގެ އަބުރު ނަގައިލުމުގެ ދައުވާ ވަނީ އުފުލައިފައެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ އުފުލާފައިވާއިރު، ކޯޓުގެ އަމުރާ ގުޅިގެން ރާކީ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައިވަނީ ޑިސެންބަރު 1 އަށެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް