ސެމްސަންގް ކުންފުނިން ވިއްކާ ޓީވީ ފޮށިގަނޑުތަކެއްގައި ހުއްދަނެތި އޭނާގެ ފޮޓޯއެއް ބޭނުންކޮށްފައިވާ ކަމަށް ބުނެ، އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލީޕާ ހުށަހަޅާފައިވާ 15 މިލިއަން ޑޮލަރުގެ ދައުވާ ބާތިލުކުރުމަށް ސެމްސަންގުން އެދިފައިވާ އެދުމާ ދެކޮޅަށް އޭނާގެ ފަރާތުން ކޯޓަށް ޖަވާބު ހުށަހަޅައިފިއެވެ.
އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކަށް މިއަހަރުގެ މެއި މަހު ލީޕާ ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، 2024 ވަނަ އަހަރު އޮސްޓިން ސިޓީ ލިމިޓްސް ފެސްޓިވަލްގެ ސްޓޭޖު ފަހަތުން ނަގާފައިވާ އޭނާގެ ފޮޓޯއެއް ސެމްސަންގް ޓީވީ ފޮށިގަނޑުތަކުގައި ބޭނުންކޮށްފައިވަނީ އޭނާގެ ހުއްދައަކާ ނުލައި ކަމަށެވެ. އަދި މީގެ ސަބަބުން، އޭނާއަކީ ސެމްސަންގް ޕްރޮޑަކްޓްތައް އިޝްތިހާރުކުރާ މީހެއްކަމުގެ ކުށްހީ އާންމުންނަށް އުފެދިފައިވާ ކަމަށް ލީޕާގެ ވަކީލުން ފާހަގަކުރިއެވެ. މިދިޔަ އޮކްޓޯބަރު 16 ވަނަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ލީޕާގެ ފަރާތުން ބުނެފައިވަނީ، އޭނާއަކީ ބޮޑެތި ބްރޭންޑްތަކާއެކު އެއްބަސްވުންތައް ހަދައިގެން އޭނާގެ ނަމާއި ސިފަ ބޭނުންކުރުމުގެ ހުއްދަ ދޭ ފަންނާނަކަށް ވާއިރު، ސެމްސަންގް ފޮށިގަނޑުތަކުން އޭނާ ފެނުމުން އެއީ ވެސް ފައިސާ ދީގެން ހަދާފައިވާ އެއްބަސްވުމެއް ކަމަށް އާންމުންނަށް ގަބޫލުކުރެވޭނެ ކަމަށެވެ.
ނަމަވެސް، މި މައްސަލަ ބާތިލުކޮށްދިނުމަށް އެދި ސެމްސަންގުން ސެޕްޓެންބަރު މަހު ހުށަހެޅި ލިޔުންތަކުގައި ބުނެފައިވަނީ، އެ ފޮޓޯ ބޭނުންކުރީ ސެމްސަންގް ޓީވީތަކުން ފެންނާނެ ކޮންޓެންޓް ދައްކައިދިނުމުގެ ގޮތުން ކަމަށާއި، އެއީ ލީޕާ އެ ކުންފުނީގެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރާކަން އަންގައިދޭ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން، އެ ފޮޓޯ ފޯރުކޮށްދިން ތިންވަނަ ފަރާތަކުން، ފޮޓޯ ބޭނުންކުރުމުގެ ހުރިހާ ހުއްދައެއް ހޯދާފައިވާކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް ސެމްސަންގުން ބުނެފައިވެއެވެ. އަދި މަޝްހޫރު މީހެއްގެ މޫނަކީ އޮޓަމެޓިކުން ޓްރޭޑްމާކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ނޫން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރިއެވެ.
މި މައްސަލަ ބާތިލުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓުގައި އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހަށެވެ.
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ކޮމެންޓް