ރިޕޯޓް

ބްލެކްއައުޓްވުން: ފީނާމީހުން މިކަމަށް ވިސްނާ!

އަހުމަދު ސާއިލް އަލީ

2

މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދު ވަކި ވެގެން ދިއުމަކީ އެތައް ބަޔަކަށް ލިބިގެން ދިޔަ ހިތާމައެކެވެ. ފީނުމާއި މަސް ހިފުމާއި މަސް ބޭނުން ފަދަ މޫދުގެ ކަންކަމަށް ލޯބި ކުރާ އެ ޒުވާނާ ކުއްލިއަކަށް ވަކި ވެގެން އެ ދިޔައީ އެކަނި ފީނަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. ޝައްފާން މަރުވި ސީދާ ސަބަބު ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައި ނުވިޔަސް އޭނާގެ އެކުވެރިންނާއި ފީނުމުގެ ތަޖުރިބާކާރުން އެކަން ސިފަ ކުރަނީ ބްލެކްއައުޓް ވެގެން ދިމާވި ކަމެއްގެ ގޮތުގަ އެވެ.

މިއީ މިހާރު ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަ ކަމެކެވެ. މޫދަށް ފަރިތަ އެތައް ޒުވާނުންނެއް މިފަދަ ހިތާމަވެރި ހާދިސާތަކުގެ ސަބަބުން ވަކި ވެގެން ދިއުން މިވަނީ ގިނަ ވެފަ އެވެ. މިދިޔަ މާޗް މަހު ވަނީ ސިފައިންގޭގައި މަސައްކަތް ކުރާ އަދި ޖެވެލިން ޗެމްޕިއަން ޔައުގޫބު އަހުމަދު، 34، ވެސް މަސް ހިފަން ގޮސް އުޅުމުގެ ތެރޭގައި މަރުވެފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އއ. އުކުޅަހު އިރުމަތީގެ އަލީ ފިޒާލު، 28، ވެސް ވަނީ މަސް ހިފަން ގޮސް އުޅުމުގެ ތެރެއިން ބްލެކްއައުޓް ވެގެން މަރުވެފަ އެވެ. އެއީ ވެސް ވަރަށް މޫދަށް ފަރިތަ ޒުވާނެކެވެ.

ކިތަންމެ މޫދަށް ފަރިތަ ވިޔަސް ނުވަތަ ތަޖުރިބާ އާއި ތަމްރީން ލިބިފައި ވިޔަސް ބްލެކްއައުޓް ވުން ފަދަ ހާދިސާއެއް ކޮންމެ މީހަކަށް ވެސް ކުރިމަތި ވެދާނެ އެވެ. އެ މީހަކީ ސިއްހީ ހާލަތު ރަނގަޅު އަދި ކިތަންމެ ޒުވާން މީހަކަށް ވިޔަސް އެހާލަތު ކުރިމަތި ވެދާނެ އެވެ. އެހެން ކަމުން ފީނަން ވާނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެންނެވެ.

ބްލެކްއައުޓް ވުމަކީ ވައިފުޅި ނާޅައި ފީނާ ފީނުން ނުވަތަ ފްރީޑައިވް ކުރުމުގެ ތެރޭގައި މީހާއަށް ދިމާވާ ހާލަތެކެވެ. ބްލެކްއައުޓް ވަނީ ނޭވާ ނުލައި މޫދު އަޑީގައި ފީނުމަށް ފަހު މީހާ މައްޗަށް އަރާ ވަގުތު ސިކުނޑިއަށް އޮކްސިޖަން ލިބުން ދަތިވެ މޫނު މައްޗަށް އަނދިރިވާ ގޮތްވެ ނުވަތަ ހޭނެތޭ ހާލަތަށް ގޮސްގެންނެވެ. އެ ހާލަތް ބޮޑަށް ދިމާވަނީ ފެނުން މައްޗަށް އަރާއިރު އެންމެ މަތީ ތިން މީޓަރުގެ ހިސާބުގަ އެވެ. ނުވަތަ ފެނުން މައްޗަށް އެރުމަށް ފަހުގަ އެވެ.

ބްލެކްއައުޓް ވުމަކީ މީހާގެ ހަށިގަނޑުން އޮކްސިޖަން ހުސްވެދާނެތީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ރައްކަލަކަށް ކުރާ ކަމެކެވެ. މީހާ ބްލެކްއައުޓްވާ ހިސާބުން އެ މީހާގެ ހަށިގަނޑުގެ އެތެރެއަށް ލޮނު ނުވަންނާނެހެން ހުރިހާ ދޮރެއް ބަންދުވެ އެވެ. އަދި މީހާގެ ހަށިގަނޑަށް ސާފު ވައި ލިބެން ފެށުމާއެކު އަމިއްލަ ޒާތުގައި ނޭވާލާން ފަށައެވެ. އެހެންކަމުން ބްލެކްއައުޓުން ރައްކާތެރި ވުމަށް އެންމެ މުހިންމު ކަމަކީ އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ އެހީތެރިވާނެ މީހަކު ގާތުގައި އޮތުމެވެ.

ބްލެކްއައުޓްވާ ހިސާބުން މުޅި މީހާގެ ހަށިގަނޑުން ވަރުދެ އެވެ. އެމީހާގެ ކޮންޓްރޯލް ގެއްލެ އެވެ. އެއާއެކު ބާރު ސްޕީޑުގައި މީހާ މޫދުގެ ތެރެއަށް އަޑިއަށް ދެ އެވެ. އެވަގުތު އެހީވާނެ ނުވަތަ އޭނާ ފެނުން މައްޗަށް ނަގާނެ މީހަކު ކައިރީގައި ނެތް ނަމަ އެ މީހާ ސަލާމަތް ވާނެ ގޮތެއް ނޯވެއެވެ. ހޭނެތި މީހާ މޫދު ތެރެއަށް ގެނބިގެން ދިއުމުން ދެން އޭނާއަށް ނޭވާ ނުލެވި މަރުވެގެން ދަނީ އެވެ.

ބްލެކްއައުޓް ވެގެން މަރުވެފައިވާ މީހުންނަށް ބަލާއިރު ސިއްހީ ގޮތުން ކިތަންމެ ރަނގަޅު މީހެއް ނަމަވެސް އަދި މޫދަށް ކިތަންމެ ފަރިތަ މީހަކަށް ވެސް އެކަން ދިމާވެދާނެކަން އެނގެއެވެ. ބްލެކްއައުޓުން ރައްކާތެރި ވުމަށް އެންމެ މުހިންމު ކަމަކީ ފީނާއިރު އަވަސް އަވަހަށް ނޭވާ ނުލުމެވެ. އޭގެ ބަދަލުގައި ހަމަޖެހިގެން ނޭވާލައިގެން ފީނާ ނަމަ ބްލެކްއައުޓުވުމުން ދުރުކޮށްދެ އެވެ. ނަމަވެސް އެއީ ކޮންމެ ހާލަތެއްގައި ވެސް ކުރިމަތި ވެދާނެ ކަމަކަށް ވާތީ އެންމެ މުހިންމީ ކިތަންމެ ތިލަ ހިސާބަކަށް ފީނި ނަމަވެސް ތިމާ މައްޗަށް ނަގައިދެވޭނެ ވަރުގެ މީހަކު ކައިރީގައި އޮތުމެވެ.

ފީނުމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނާގޮތުގައި ބްލެކްއައުޓަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމަކަށް ވާއިރު އެކަމަށް އޮތީ އެންމެ ހައްލެކެވެ. އެއީ އެކަނި ފީނަން ނުދިއުމެވެ. ތިމާއަށް ކަމެއް ދިމާވެއްޖެ ނަމަ ވަގުތުން ފެނުން މައްޗަށް ނަގާނެ އަދި ފަރުވާ ދޭން އެނގޭ މީހަކު ގާތުގައި ހުރުމެވެ.

"ބުލެކްއައުޓް ވުމާއެކު ވީހާ ވެސް އަވަހަކަށް އެ މީހާ ފެނުން މައްޗަށް ނަގަން ޖެހޭ. އެންމެ ފުރަތަމަ އަދި އެންމެ އިސްކަން ދޭން ޖެހޭކަމަކީ ވީހާ ވެސް އަވަހަށް އޭނާގެ މޫނަށް ސާފު ވައި ލިބޭގޮތް ހެދުން. އަދި ލޯ ކައިރިއަށް ވައި ޖެއްސުން ވަރަށް މުހިންމު. އޭރުން މަޑުމަޑުން އެ މީހާ ހަމަޔަކަށް އެޅޭނެ،" ރާއްޖޭގެ މަޝްހޫރު ޑައިވަރަކު ކިޔައިދިނެވެ.

ބުލެކްއައުޓް ވެގެން ދުނިޔޭގެ މަޝްހޫރު އެތައް ފްރީ ޑައިވަރުންނެއް ވެސް މަރުވެފައިވެ އެވެ. އެ މީހުންނަކީ ފްރީ ޑައިވްގެ ތަޖުރިބާ އާއި ތައުލީމް ލިބިފައިވާ މީހުންނެވެ. ނަމަވެސް ފަރުވާ ކުޑަ ވުމުގެ ސަބަބުން އެފަދަ ހިތާމަވެރި ހާދިސާތައް ހިނގަނީ އެވެ. ރާއްޖޭގައި ވެސް ތަކުރާރު ވަނީ އެ މައްސަލަ އެވެ.

"އަޅުގަނޑުމެންނަށް ހީވަނީ ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވެނީއޭ އެ ބޭފުޅުން މޫދަށް މާ ފަރިތައީ ކަމަށް. އެހެންވެ ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅައި އުޅެނީ. ހާއްސަކޮށް އެކަނި ވެސް ފީނަން ގޮސް އުޅެނީ. ގިނަ ފަހަރަށް އެ މީހުން ގެއްލިގެން ރިޕޯޓް މި އަންނަނީ ވެސް މޫދަށް ގޮސް ގެޔަށް ނާންނަތާ ގިނަ އިރު ވެގެން. އެވަރުން އެޓެންޑްވާއިރު މިއޮންނަނީ މާ ބޮޑަށް ލަސްވެފައި. އެހެންވީމަ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން އެބަ ޖެހޭ. ހާއްސަކޮށް ފީނަން އެކަނި ދިއުން ހުއްޓާލަން އެބަ ޖެހޭ،" އެމްއެންޑީއެފްގެ އޮފިޝަލަކު ކަންބޮޑުވުން ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ރާއްޖޭގެ 99 ޕަސެންޓަކީ މޫދު ކަމަށް ވާއިރު ގިނަ ދިވެހިންނަކީ މޫދަށް ވަރަށް ފަރިތަ މީހުންނެވެ. މަސް ހިފަން ދިއުން ނުވަތަ ފީނާލަން ދިއުމަކީ ހިތް އުފާ ކުރަން ވެސް ޒަމާނުއްސުރެއް ދިވެހިން އާއްމުކޮށް ކޮށް އުޅޭ ކަންކަމެވެ. ދިވެހިން އެކަން ކުރާ ވަރާ ބަލާއިރު ހިނގާ ހިތާމަވެރި ހާދިސާތައްވެސް ނަސީބަކުން މަދެވެ. ނަމަވެސް މިހާރު އެފަދަ ހާދިސާތައް ހިނގުން މިވަނީ އިތުރުވާން ފަށައިފަ އެވެ. މޫދަށް ފަރިތަ ކަމަށް ނަން މަޝްހޫރު ޒުވާނުންނަށް އެފަދަ ހާދިސާތައް ކުރިމަތިވެ ދުނިޔެއާ ވަކިވުން މިވަނީ ގިނަ ވާން ފަށައިފަ އެވެ.

ކައިވެންޏަށް މަހެއް ނުވަނީސް ޝައްފާން ވަކިވެގެން ދިއުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. ޝައްފާންގެ އިތުރުން މިފަހުން އެތައް ޒުވާނުންނެއް އެފަދަ ހާދިސާތަކުގައި މިވަނީ ވަކި ވެގެން ގޮސްފަ އެވެ. އެހެން ކަމުން މިއީ އިބުރަތެއް ކަމަށް ދެކެ ފީނާ މީހުން މިކަންކަމަށް ސަމާލުކަން ދޭން ޖެހެ އެވެ. ބްލެކްއައުޓްވުން ފަދަ ހާދިސާއެއް ކިތަންމެ މޫދަށް ފަރިތަ ނަމަވެސް ކުރިމަތިވެދާނެކަން ގަބޫލު ކުރަން ޖެހެ އެވެ. އެކަނި ފީނަން ދިއުން ހުއްޓާލަން ޖެހެ އެވެ.