Close
ގާނޫނާއި ގަވައިދު

ތިންމަސް ދުވަހުގެ ތެރޭގައި މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުން ނުދޭ ފަރާތްތައް ޖޫރިމަނާ ކުރަނީ

އިބްރާހިމް ޒަކީ

ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިއްޔެއިން ފެށިގެން އަމަލު ކުރަން ފެށުމާއެކު، ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި، ވަޒީފާ ދޭފަރާތަކުން މުވައްޒިފުންނާއެކު ވަޒީފާގެ އެއްބަސްވުން ހަދައި، އެ އެއްބަސްވުން މުވައްޒަފުންނާ ހަވާލު ކުރަން ޖެހޭނެއެވެ.

ގާނޫނުގައި ބުނެފައި ވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، ވަޒީފާގެ އެއްބަސްވުމުގެ ކޮޕީ ހަވާލުނުކޮށް ހުރި ފަރާތްތަކުން، ގާނޫނަށް އަމަލުކުރަން ފަށާތާ، ތިންމަސްދުވަހުގެ ތެރޭގައި އެ އެއްބަސްވުން ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ، ނުވަތަ މުވައްޒަފަށް އެއްބަސްވުން ހަވާލުކޮށްފައި ނުވާނަމަ، 2،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ވަޒީފާގެ އެއްބަސްވުމުގައި ހިމަނަން ޖެހޭ މައުލޫމާތުތައްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.

ވަޒީފާއާބެހޭ ގާނޫނަށް އަލަަށް މި ގެނައި އިސްލާހުގައި ބުނެފައި ވަނީ، ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ތިން މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އެ ވަގުތީ މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެހެން އޮތް ނަމަވެސް މުވައްޒަފަށް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހައްގުތައް ވަގުތީ މުުއްދަތުގައިވެސް މުވައްޒަފަށް ދޭންޖެހޭނެ ކަމަށްވެސް ގާނޫނަށް މި ގެނައި އިސްލާހުގައި ވަނީ ކަނޑައަޅައިފައެވެ.