ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމާ ގުޅޭގޮތުން އެކުލަވާލާފައިވާ އާ ގަވާއިދަށް ތައްޔާރުވުމަށްޓަކައި ވިޔަފާރިވެރިންނަށް ހަ މަސްދުވަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން ދީފިއެވެ.

މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ގެޒެޓްކުރި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އާ ގުޅޭގޮތުން އެމްއެފްޑީއޭއިން މިއަދު ބުނީ، ބާޒާރުގައި މިހާރު ހުރި ތަކެއްޗާއި، އަލަށް ރާއްޖެ އެތެރެކުރާ އަދި އުފައްދާ ތަކެތި އެ ގަވާއިދުގެ މިންގަނޑަށް ފެއްތުމަށް އިތުރު ވަގުތު ބޭނުންވާނެތީ އެ ފުރުސަތު ދީފައިވާ ކަމަށެވެ.

އެ ގަވާއިދުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕީއީޓީ (PET) ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވަނީ މަނާކޮށްފައެވެ.

ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކަށް އަދަބުތަކެއް ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ވިޔަފާރިކުރުމުގެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ޖިނާއީ ދައުވާ އުފުލުމުގެ ފުރުސަތު އޮންނައިރު، ރައްކާތެރި ނޫން ކާބޯތަކެތީގެ ސަބަބުން ގެއްލުމެއް ލިބޭ ފަރާތްތަކަށް ބަދަލު ހޯދުމުގެ ހައްގުވެސް ލިބިދެއެވެ.

ގަވާއިދާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3034217 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.