ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު ހަމަވުމުން އެތަންތަން އަނބުރާ ދައުލަތާ ހަވާލުކުރާ އިރު، އެ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގު ބަލައި، އަގު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އޮޑިޓަ ޖެނެރަލްގެ އޮފީހުން މިއަދު އާންމުކޮށްފިއެވެ.
އޮޑިޓް އޮފީހުން އިއްޔެވަނީ "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތާ އަނބުރާ ހަވާލުކުރާ ތަންތަނުގައި ނުވަތަ ދައުލަތަށް ނަގާ ތަންތަނުގައި ހުންނަ މުދަލާއި ތަކެތީގެ އަގުން ބަލަށް ކެނޑުމުން ޖެހޭއަގު ކަނޑައެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލު" ގެޒެޓުކޮށްފައެވެ.
އެ އުސޫލުގައިވާ ގޮތުން އެފަދަ އުސޫލެއް އެކުލަވައިލުމުގެ މައިގަނޑު ބޭނުމަކީ، ކުލީގެ މުއްދަތު ހަމަވެގެން ދައުލަތާ ރިސޯޓު ނުވަތަ ފެސިލިޓީ ހަވާލުކުރާ އިރު، އެ ތަނުގައި ހުރި މުދަލުގެ އަގުގެ ގޮތުގައި ކުއްޔަށް ހިފައިގެން އުޅުނު ފަރާތަށް ދައުލަތުން ދޭންޖެހޭ ފައިސާގެ އަދަދު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އިޖުރާއަތްތަކެއް ކަނޑައެޅުމެވެ.
އުސޫލުގައިވާ ގޮތުން، ކުލީގެ މުއްދަތު ހަމަވާ އިރު އޮޕަރޭޝަނަލް ހާލަތުގައި ހުންނަ ތަންތަނާއި، ހިދުމަތް ހުއްޓިފައި ހުންނަ ތަންތަނުގެ އިތުރުން، އަގު ކުރާ އިރު ނުހިމަނާނެ މުދަލުގެ ތަފްސީލުތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޮޕަރޭޝަނަލް ހާލަތުގައި އޮތް ތަނެއް ނަމަ، ލީޒް އެއްބަސްވުމުގެ ދަށުން ހުށަހަޅައި އެ މުއްދަތާ ހަމައަށް ބަލަހައްޓަމުން ގޮސްފައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނޭ، އެ ތަނުގައި ހިންގި ވިޔަފާރީގެ ހިދުމަތް ދިނުމާ ސީދާ ގުޅުންހުރި އުފުލޭ އަދި ނުއުފުލޭ މުދަލާއި ތަކެތި އަގުކުރުމުގައި ހިސާބު ކުރެވޭނެއެވެ.
މީގެ އިތުރުން، ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން އަނބުރާ ގެންދިއުމަށް އިހުތިޔާރު ލިބޭ މުދާތައް 90 ދުވަހުގެ ތެރޭގައި އެތަކެތި ގެންދިއުމަށް، ކުއްޔަށް ދޫކުރި ފަރާތަށް ޓޫރިޒަމް މިނިސްޓްރީން އަންގަންޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އަދި މުދަލުގެ އަގު ހިސާބުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމަށް ހާއްސަ ފަރާތެއް ހަމަޖައްސަންޖެހޭ އިރު، އެ ފަރާތުން ތައްޔާރުކުރާ ރިޕޯޓު ބިނާކުރަންވާނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މިންގަނޑުތަކަށެވެ. މިގޮތަށް ތައްޔާރުކުރާ ރިޕޯޓުތައް އޮޑިޓް އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
އުސޫލު އާންމުކުރި ނަމަވެސް، އުސޫލުގައި ސީދާ ބަޔާންކޮށްފައި ނުވާ ކަމެއް ދިމާވެއްޖެ ނަމަ، އެކަމަކާ މެދު ގޮތް ނިންމާނީ އެ އޮފީހުންނެވެ.
މުހައްމަދު އިޝާން
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
އޮޑިޓް އޮފީސް
ކޮމެންޓް