ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނީ ސަރުކާރުގެ މަދުވެގެން 45 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށްކަމަށް ގަވާއިދުގައި ކަނޑައަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެވަނީ "ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްރަށް ނުވަތަ ބިން ނުވަތަ ފަޅު، ދައުލަތުގެ ކުންފުނިތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގަވާއިދު" ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގައިވަނީ ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށްރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނެ ޝަރުތުތަކެއް ހިމަނައިފައެވެ.

އެ ޝަރުތުތަކަކީ:

  • ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، އެފަދައިން ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅު އަދިއެ ތަނެއް ދޫކުރާނެ ދައުލަތުގެ ކުންފުނ،ި ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވުން
  • ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމަށް ކަނޑައަޅާ ދައުލަތުގެ ކުންފުންޏަކީ، އެ ތަނުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމުގެ މާލީ ގާބިލުކަމާއި ފަންނީ ގާބިލުކަން ހުރި ކުންފުންޏެއް ކަމުގައިވުން
  • އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދޭ ދައުލަތުގެ ކުންފުންޏެއްގައި ސަރުކާރުގެ މަދުވެގެން 45 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވުން
  • ލީސް އެކުއިޒިޝަންފީ ސަރުކާރަށް ދައްކައިފައިވުން
  • ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ފައިސާ ދެއްކުން ނުވަތަ އެ މާއްދާގައި ކަނޑައަޅައިފައިވާ ފަދައިން މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއަކަށް ހަރަދުކޮށްފައިވުން ނުވަތަ ހަރަދުކުރަން އެއްބަސްވެފައިވުމާއެކު، އެ ހަރަދުކުރާނެ ގޮތުގެ މިނިސްޓްރީއަށް ގަބޫލުކުރެވޭ ޕްލޭނެއް ހުށަހަޅައިފައިވުން

ގަވާއިދުގައިވަނީ ރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ދައުލަތުގެ ކުންފުންޏަކަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގައި އަމަލުކުރަންވީ ގޮތްވެސް ބަޔާންކޮށްފައެވެ.

  • ދައުލަތުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި، ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ހުށަހެޅުން
  • ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ހުށަހަޅާ ހުށަހެޅުން ގަވާއިދުގެ 6 ވަނަ މާއްދާގައިވާ ގޮތަށް އިބްތިދާއީ ގޮތުން ބެލުން
  • ލިޔެކިޔުންތައް އިބްތިދާއީ ގޮތުން ބެލުމަށްފަހު، ހުރިހާ ލިޔެކިޔުމެއް ހަމަކޮށް، ލިޔުންތަކާއެކު ކަރުދާހެއް ތައްޔާރުކޮށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުން
  • އެ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދިނުމުގެ ކުރިން، އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުން
  • އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ދައުލަތުގެ ކުންފުންޏަށް ކުއްޔަށްދިނުމަށްފަހު، ކުލީގެ އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި އެކަމާބެހޭ ތަފުސީލީ މައުލޫމާތު ލިޔުމުން އޮޑިޓާ ޖެނެރަލްގެ އޮފީހާ، މިނިސްޓްރީން ހިއްސާކުރުން

ދައުލަތުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް، ރަށަކަށް ނުވަތަ ބިމަކަށް ނުވަތަ ފަޅަކަށް އެދި ހުށަހަޅާއިރު ހުށަހަޅަންވާނ،ީ އެ ކުންފުންޏަކުން އެ ރަށެއްގައި ނުވަތަ އެ ބިމެއްގައި ނުވަތަ އެ ފަޅެއްގައި، އެ ކުންފުނީގެ ހަރަދުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް އެދިކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ޝައުގުވެރިކަން ފާޅުކުރާއިރު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޝައުގުވެރިވާ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ ތަފުސީލު (ރަށެއް ނަމަ، ރަށް ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި ރަށުގެ ނަން، ނުވަތަ ބިމެއް ނަމަ، ބިން ހިމެނޭ ރަށުގެ ނަމާއެކީ ބިން ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސްއާއި، ބިމުގެ ނަންބަރު ނުވަތަ ނަން ނުވަތަ ފަޅެއް ނަމަ، ފަޅު ފާހަގަކުރެވޭނެ ޖިއޮގްރަފިކް ކޯޑިނޭޓްސް)
  • ކުންފުނީގެ ޕްރޮފައިލާއި ކުންފުނީގެ އަސާސީ ގަވާއިދު
  • ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓާއި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޑިރެކްޓަރުންގެ ބޯޑުގެ ގަރާރު
  • ކުންފުނީގެ މާލީ ގާބިލުކަން އަންގައިދޭ ލިޔުން
  • ކުންފުނީގެ ފަންނީ ގާބިލުކަން އަންގައިދޭ ލިޔުން
  • ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ރަށެއްގައި ނުވަތަ ބިމެއްގައި ނުވަތަ ފަޅެއްގައި ތަރައްގީކޮށް ހިންގުމަށް ކަނޑައަޅައިފައިވާ މަޝްރޫއުގެ ތަފުސީލު
  • ލީސް އެކުއިޒިޝަން ކޮސްޓް ދައްކަން ހުށަހަޅާ ގޮތް

ގަވާއިދުގައިވާ ގޮތުން މިނިސްޓްރީއަށް ހުށަހަޅާ ލިޔެކިޔުންތައް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން، އިބްތިދާއީ ގޮތުން ބަލަންވާނެއެވެ. އިބްތިދާއީ ގޮތުން ބެލުމުގައި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ހުރިތޯއާއި، ސޮއިކުރަންޖެހޭ ތަންތަނުގައި ސޮއިކޮށްފައި ހުރިތޯއާއި، ކުންފުނީގެ ތައްގަނޑު ޖަހަންޖެހޭ ލިޔުންތަކުގައި ތައްގަނޑުޖަހައިފައި ހުރުމުގެ އިތުރުން އެނޫންވެސް މިފަދަ ކަންކަން ފުރިހަމަވެފައިވޭތޯ ބަލަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިބްތިދާއީ ގޮތުން ބަލާއިރުގައި ލިޔެކިޔުންތައް ފުރިހަމަނުވާ ނަމަ، ލިޔެކިޔުން ފުރިހަމަކުރުމަށް، ހުށަހަޅާ ފަރާތަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދޭންވާނެކަމާއި، އެ 10 ދުވަހުގެ ތެރޭގައި ލިޔެކިޔުން ފުރިހަމަކޮށް މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ނަމަ، އެ ފަރާތުގެ ހުށަހެޅުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކުން ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅައިފައިވާ ދައުލަތުގެ ކުންފުންޏަށް، އެ ރަށް ނުވަތަ އެ ބިން ނުވަތަ އެ ފަޅު ދިނުމަށް ނިންމާނީ ވަޒީރުންގެ މަޖިލީހުންނެވެ.

ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ ލީސް އެކުއިޒިޝަން ކޮސްޓުގެ މިންވަރު ކަނޑައަޅާނީ މިނިސްޓްރީންކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. މިނިސްޓްރީން ކަނޑައަޅައިފައިވާ ލީސް އެކުއިޒިޝަންކޮސްޓް އެކީ އެއްފަހަރާ ދައްކަންވާނެ ކަމަށާއި، އެ ފައިސާ ދައްކަންވާނ،ީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރާ ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ލީސް އެކުއިޒިޝަން ކޮސްޓް، ސަރުކާރުން އެ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއިން އަޅައިކަނޑައި ދިނުމަށްއެދިއްޖެ ނަމަ، އެގޮތަށް އެކަން ކުރެވިދާނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. ސަރުކާރުން އެ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާއިން ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރާ ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ލީސް އެކުއިޒިޝަން ކޮސްޓް އަޅައިކަނޑައިދޭ ހާލަތުގައި، މާލީ ކަންކަމާއި، ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ކަށަވަރުކޮށްފައިވާ އަދަދެއްކަން އެނގޭނޭ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށް ގަވާއިދުގައިވެއެވެ.

ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށްދޭން ނިންމާ ހާލަތުގައި ކޯޕަރޭޓް ސީއެސްއާރްގެ ގޮތުގައި 500,000 ޑޮލަރު، ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން ނުވަތަ އެ އަދަދަށް މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާއީ މަރުކަޒުތައް ބިނާކުރުން، އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ޕްރޮޖެކްޓްތަކަށް، ޓާފް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތައް ހެދުމަށް އަދި ދަތުރުވެރިންގެ ހިޔާ ހެދުމަށް ޝަރުތު ކުރެވިދާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެ މަޝްރޫއުތަކުގެ އިތުރުންވެސް ސަރުކާރުގެ ހާއްސަ ސިޔާސަތެއް ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅައިފައިވާ ހާއްސަ މަޝްރޫއަކަށް ހަރަދުކުރުމަށް ޝަރުތު ކުރެވިދާނެކަމަށް ގަވާއިދުގައިވެއެވެ. މިނިސްޓްރީން ކަނޑައަޅާ މަޝްރޫއަކަށް ހަރަދުކުރަން ޝަރުތުކުރާ ހާލަތުގައި ހަރަދުކުރާނެ ގޮތުގެ ތަފުސީލާއި، މަސައްކަތް ކުރިޔަށްގެންދާނެ ގޮތުގެ ވޯކް ޕްލޭނާއި، ބީއޯކިޔު މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށާއި، އަދި މި މަސައްކަތް ކުރިޔަށްދާ ގޮތް މިނިސްޓްރީން މޮނިޓާ ކުރަންވާނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. މަޝްރޫއަކަށް ހަރަދުކުރަން އެއްބަސްވެފައިވާ ފަދައިން ހަރަދު ނުކޮށްފި ނަމަ، ކުލީގެ އެއްބަސްވުން ބާތިލުވާނެކަމަށްކަމަށް ގަވާއިދުގައިވެއެވެ.

ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށުގެ ނުވަތަ ބިމުގެ ނުވަތަ ފަޅުގެ ކުލީގެ އެގްރީމަންޓުގެ މުއްދަތުގެ ތެރޭގައި، ދައުލަތުގެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ 45 ޕަސަންޓް ހިއްސާއަށް ވުރެ ދަށްވާނެ ފަދަ ގޮތަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާއަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް ތަރައްގީ ކުރެވޭނީ ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުނިތަކަށް ތަރައްގީ ކުރެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ޑިވަލޮޕްމަންޓެއްގެ ގޮތުގައި ގެސްޓްހައުސްތަކާއި ހޮޓާތަކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ދައުލަތުގެ ކުންފުންޏަކުން ގެސްޓްހައުސްއެއް ނުވަތަ ހޮޓަލެއް ތަރައްގީކުރާ ހާލަތުގައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.