ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ މައްޗަށް ދައުލަތުން ހުށަހެޅި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާބެހޭ ހަތް ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން ދެންމެ އަމުރު ކޮށްފި އެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް މައްސަލަ އެކޯޓުން ބާތިލް ކުރީ މިދިޔަ ޖުލައި މަހުއެވެ.
އެ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.
އެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލުކުރުމުން، ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި އެދިފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކޮށް އެ މައްސަލަތައް ކްރިމިނަލް ކޯޓުން އަލުން ބަލައިދިނުމުގެ އަމުރަކަށެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، އަދީބުވެސް ވަނީ ދައުލަތުން ހުށަހެޅި ގޮތަށް، އެ ދައުވާތައް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އެދިފައެވެ.
މި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އެ މައްސަލައާ ބެހޭގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުންތަކަކީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ. އެގޮތުން އެ ހަތް ދައުވާ ބޭރުކޮށްލީ ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން އަދީބާއި ދައުލަތާ ދެމެދު ހަދާފައިވާ އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ފަހު ކަމަށް ވިޔަސް، އެއްބަސްވުމުގެ ސައްހަކަން ކަނޑައެޅުމަކީ ކްރިމިނަލް ކޯޓުގެ ދައުރެއް ނޫން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
އެކަމުގައި ކޯޓުގެ ދައުރަކީ، އެފަދަ އެއްބަސްވުމެއް އޮތްތޯ ބެލުމާއި އިއުތިރާފުން ރުޖޫއަވުމުގެ ފުރުސަތު އޮތްކަން ދައުވާ ލިބޭ މީހާއަށް އެންގުން ކަމަށްވެސް ބުނެފައިވެއެވެ.
"ޕްރޮސެކިއުޓާ ޖެނެރަލް އާއި އަހުމަދު އަދީބު އަބްދުލްޣަފޫރާ ދެމެދު (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ ދަށުން އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލެވިފައިވެއެވެ. މިކަމަށް ޕްރޮސެކިއުޝަނުން ވެސް އަދި އަހުމަދު އަދީބުގެ ފަރާތުންވެސް އިންކާރުކޮށްފައެއް ނެތެވެ. އިބްތިދާއީ އަޑުއެހުމެއްގައި ފަނޑިޔާރުންގެ ދައުރަކީ އެ އެއްބަސްވުންވީ ގޮތުގެ ސައްހަކަން ކަނޑައެޅުމެއް ނޫނެވެ. ސަބަބަކީ، އެފަދަ އެއްބަސްވުމެއްގެ ތެރެއިން ވެފައިވާ އިއުތިރާފަކީ އެ އެއްބަސްވުން ސައްހަވިޔަސް ނުވިޔަސް މުއްތަހަމަށް ރުޖޫއަވުމުގެ ހައްގު އޮތް އިއުތިރާފެކެވެ. އަދި އެފަދަ އިއުތިރާފަކުން ރުޖޫއަވެއްޖެނަމަ، އެފަދަ އެއްބަސްވުމެއްގައިވާ ކަންކަމަކީ މުއްތަހަމާ ދެކޮޅަށް ބޭނުން ކުރެވޭނެ ކަންކަމެއް ނޫނެވެ. އިބްތިދާއީ އަޑުއެހުމެއްގައި އެފަދަ އެއްބަސްވުމަކާ ބެހޭގޮތުން ފަނޑިޔާރުންގެ ދައުރަކީ، އެފަދަ އެއްބަސްވުމެއް ވެފައިވާނެތޯ ބެލުމެވެ..،" ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެފަދަ އެއްބަސްވުމެއް ވެފައިވާކަމަށް ބުނެފިނަމަ، އެއްބަސްވުމުގައި ވެފައިވާ އިއުތިރާފުން ރުޖޫއަވެ ދައުވާއަށް އިންކާރުކުމުގެ ހައްގު މުއްތަހަމަށް ލިބިގެންވާކަން ބަޔާންކޮށްދިނުން ކަމަށެވެ. އެކަންކަަމަށް ރިއާޔަތްކޮށް އެ ހަތް ދައުވާގެ މައްސަލަ އިބްތިދާއީ މަރުހަލާއިން ފެށިގެން ކްރިމިނަލް ކޯޓުގައި އަލުން ކުރިއަށްގެންދަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ މައްސަލަ އެ ކޯޓަށް ތަހުވީލުކުރީ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ފޮނުވަން ހައިކޯޓުން ނިންމި ނަމަވެސް، އެ މައްސަލަތައް ނިމެންދެން ކޯޓުގެ އަމުރުގެ ދަށުން ބަންދުކޮށްފައިވާ އަދީބުގެ ބަންދުގެ މުއްދަތު ދެމިގެންދާ ގޮތަށް ހުކުމްގައި ވަނީ ހިމަނައިފައެވެ.
އެގޮތުން ހައިކޯޓުން މި ހުކުމް ކުރުމާއެކު، ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާ މެދު ގޮތެއް ކަންޑައެޅުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމަށާއި، މި މައްސަލަ ނިމޭތާ 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާ ކަމަށްވެސް ބުނެފައިވެއެވެ.
"ދައުވާތައް ދަށުކޯޓަށް ތަހުވީލު ކުރުމުގެ ކުރިން، ތުހުމަތު ކުރެވޭ ކުށްތަކުގެ ސީރިއަސް ކަމަށާއި ހައިކޯޓުގައި އަދީބު ބަންދުކޮށްދިނުމަށް ޕްރޮސިކިއުޝަނުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބަލައި، އެ ސަބަބުތަކަށް ބަދަލެއް އައިސްފައިވާކަމަށް ބުރަވެވެން ނެތުމުން، އަދީބުގެ ބަންދާމެދު ކްރިމިނަލް ކޯޓުގައި މައްސަލަ ބަލައި ގާޒީ ގޮތެއް ނިންމަންދެން ބުނެވިދިޔަ ހައިކޯޓުގެ ކޯޓު އަމުރުގެ މުއްދަތު ދަމަހައްޓަން ޖެހެއެވެ..،" ހުކުމުގައި ބުނެފައިވެއެވެ.
އަދީބުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާތައް ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމާއެކު އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް ހުށަހަޅާނީ ޕްރޮސެކިއުޓާ ޖެނެރަލްއެވެ. މިގޮތުން މި ދައުވާތައް ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް އިސްތިއުނާފީ މި މައްސަލައިގައި ހުކުމް ކުރުމާއެކު، ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި، ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވައިދުގެ 12 ވަނަ މާއްދާގެ (ނ)ގެ ދަށުން، ކްރިމިނަލް ކޯޓަށް ހުށަހެޅުމަށާއި، އަދި ކްރިމިނަލް ކޯޓަށް މި ހުށަހެޅުން ހުށަހެޅުމާއެކު، ލަސްވެގެން 10 ދުވަހުގެ ތެރޭގައި އަދި މި މައްސަލަ ނިމޭ ތާރީހުން ފެށިގެން، ޖުމްލަ 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދަށު ކޯޓަށް އަންގަންޖެހޭނެ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު