ރައްޔިތުން ހޮވާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރުވެސް ރައްޔިތު މީހާއަށް ދިނުމަށް ގޮވާލައި، ހުށަހެޅި ޕެޓިޝަނާ ގުޅިގެން، މަޖިލިސް މެންބަރުން ރައްޔިތުންނަށް ވަކިކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރަން އެކަމާ ބިލެއްގެ މަސައްކަތް އެޓާނީ ޖެނެލަރްގެ އޮފީހުން ކުރިއަށް ގެންގޮސްފައިވާ ހިސާބެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
އެ ކޮމެޓީން މިގޮތަށް ނިންމީ އެ ޕެޓިޝަނާ ގުޅޭގޮތުން ކޮމެޓީގައި ބަހުސް ކުރުމަށްފަހުގައެވެ.
ކޮމެޓީން ނިންމީ އެ ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އެޓާނީ ޖެނެރަލްގެ އޮފީހުން އޮޅުން ފިލުއްވުމަށްފަހު، އެ ޕެޓިޝަނާ ބެހޭގޮތުން ގޮތެއް ނިންމުމަށެވެ.
ރައްޔިތުންގެ ރިކޯލް ވޯޓަކުން ރައްޔިތުންގެ މަޖިލީހާއި ކައުންސިލު މެންބަރުންން ވަކިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި ބިލުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ބެލުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ކޮމިޓީން ސިޓީއެއް ފޮނުވުމަށް ކޮމިޓީ ބައްދަލުވުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގެވެ. ތާއީދު ކުރެއްވީ މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުން ހޮވި މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތު މީހާއަށް ދިނުމަށް ގޮވާލައި، އަމިއްލަ ފަރާތެއް ކަމަށްވާ، ހ. ޕްލިޒެންޓްވިލާ މުހައްމަދު ޖަލާލު ނަސީމު ހުށަހެޅި މި ޕެޓިޝަަންގައި 1540 މީހުން ވަނީ ސޮއިކޮށްފައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ، ފުރިހަމަ ދިމުކުރާތީ ނިޒާމަކަށް ކުރި ދަތުރުގެ ތެރެއިން ދިވެހީންނަށް ލިބުނު އެންމެ ބޮޑު އެއް ބާރަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއަކުން ރައްޔިތުން ތަމްސީލު ކުރާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ބާރު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާތައް ވަނީ ދާއިރާތަކާއި އެ ދާއިރާތަކުގެ ރައްޔިތުންނާއި ގުޅިފައި ކަމަށާއި، 2024 ވަނަ އަހަރު ތަސްދީގުކުރި އެންޓި ޑިފެކްޝަން ގާނޫނުގައި ކުލަ (ޕާޓީ) ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުން ފަދަ ރަނގަޅު ކަންތައްތަކެއް ހުރި ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ މެންބަރު ހޮވި ރައްޔިތުންނަށް އެ ބާރު ނުލިބޭ ގޮތަށް، މެންބަރު ނިސްބަތްވާ ޕާޓީން އެ މެންބަރު ވަކިކުރުމުން ގޮނޑި ގެއްލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށްވެސް ބުނެފައިވެއެވެ.
ޕެޓިޝަންގައި ވާ ގޮތުން މެންބަރު ގޮނޑިއާ ދުރަށްލުމުގެ ބާރު އޮންނަން އެންމެ އައުލާކަން ބޮޑީ އެ ގޮނޑީގައި މެންބަރު ބޭންދި ރައްޔިތުމީހާ އަތުގައެވެ.
ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު، ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިސްރާބު ކަމަށާއި، އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭ ފަހުން އޭނާ ގޮނޑީގައި އިނދެ ތަމްސީލު ކުރަނީ ޕާޓީ ނޫން ކަމަށާއި، ތަމްސީލު ކުރަނީ ދާއިރާ ކަމަށްވެސް ބުނެފައިވެއެވެ. ތަމްސީލު ކުރަނީ އޭނައަށް ވޯޓު ލީ މީހުންނާއި ނުލާ މީހުންނާއި، އޭނާގެ ފިކުރަށް ނިސްބަތްވާ މީހުންނާއި، ނިސްބަތް ނުވާ މީހުންނާއި، އެކި ޕާޓީތަކުގެ މެންބަރުންނާއި އެއްވެސް ޕާޓީއަަކަށް ނިސްބަތް ނުވާ މީހުން ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހަށް މެންބަރު ހޮވޭއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްވެސް އޭނާއަށް ވޯޓު ދޭނެ ކަމަށާއި، އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެންބަރު ވަކިކުރުމުގެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންގެ އަތުގައި އޮތުން ކަމަށްވެސް ޕެޓިޝަންގައިވެއެވެ.
ޕެޓީޝަންގައި ބުނެފައިވަނީ، ރައްޔިތުން ހޮވި މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރުވެސް ރައްޔިތުމީހާއަށް ދިނުމަށްޓަކައި، މެންބަރުން ހޮވޭ ގޮތާއި އެ މެންބަރުން ވަކިކުރެވޭ ގޮތް ހިމެނޭ ގާނޫނުތައް އިސްލާހުކޮށްދޭން ޖެހޭ ކަމަށެވެ.
އެ ގާނޫނުތައް އިސްލާހު ކޮށްދޭން ޖެހޭނީ، މެންބަރު ނިސްބަތްވާ ދާއިރާގެ (ކަނޑައެޅޭ އިންސައްތައެއްގެ) ވޯޓުލެވޭ ރައްޔިތުންގެ ލިޔުމަކުން އެ މެންބަރު ވަކިކުރުމަށް ("ރިކޯލް") ވޯޓަކަށް އެދެފިނަމަ ރިކޯލް ވޯޓެއް ބޭއްވުމަށް މަގުފަހިވާގޮތަށް ކަމަށާއި، ހަރަދު ކުޑަކުރުމުގެ ގޮތުން ހުސްވާ ގޮނޑިއަށް އާ މެންބަރަކު ހޮވަން ވަކި އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި، މެންބަރު ވަކި ކުރާނެތޯ ނޫންތޯ ނިންމުމާއި އެކު ވަކި ކުރާނަމަ އެހެން ކެންޑިޑޭޓުންނަށް، ވޯޓުލައި މެންބަރަކު ހޮވޭގޮތަށް މަގުފަހިވާގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް