ރާއްޖޭގެ އެކި ހިސާބުތަކަށް މި ހަފުތާގައި އިހުސާސް ކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ރެކޯޑްތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކަށް މި ހަފުތާގައި އިހުސާސް ކުރެވޭ ހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް އަރައިފައެވެ. އެގޮތުން ގިނަ ރަށްރަށަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 38 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.
ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ އިއްޔެ އާއި އަންގާރަ ދުވަހުއެވެ. އެ ދެ ދުވަހު މާލޭގައި އިހުސާސް ކުރެވޭ ހޫނުމިން ވަނީ 38.6 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ. އަދި ހދ. ހަނިމާދުއަށް އިހުސާސްކުރެވޭ ހޫނުމިން 38.5 ޑިގްރީ ސެލްސިއަސްއަށް އަރާފައިވެއެވެ.
މީގެ އިތުރުން މިއަދު ހެނދުނު 11:00 ގައި މާލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 38.2 ޑިގްރީ ސެލްސިއަސްގައެވެ.
ރާއްޖޭގެ ފިނިހޫނުމިނަށް އަސަރު ކުރަނީ ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީއެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން މިދިޔަ އޮގަސްޓް މަހު ވަނީ ބުނެފައެވެ.
މީގެ އިތުރުން މުޅި ރާއްޖޭގެ ހޫނުމިން ވެސް ހުންނާނީ އާއްމުކޮށް ހުންނަވަރަށް ވުރެ މަތީގައި ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
މެޓުން ބުނެފައިވާ ގޮތުން އެލްނީނޯގެ ސަބަބުން ރާއްޖެއަަށް ކުރާ މައިގަނޑު އެެއް އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވާނެ ކަމަށާއި ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށްވެސް މެޓުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ދެވަނަ ކަމަކީ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުން މަދުވުން ކަމަށާއި އެކަމުގެ ސަބަބުން ދަނޑުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް ތިން މަހު މެދުރާއްޖެތެރެއަށް އާއްމުކޮށް ވެހޭވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވެހޭވަރަށްވުރެ މަދުން ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.
ރާއްޖެއަށް އިހުސާސްކުރެވޭ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ގޮސްފައި ވަނީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު މާލޭއަށް އިހުސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް