ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ މައްޗަށް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ތަހުގީގު ކުރި މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

މަގާމުގެ ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އަޒްމިރާލްދާ އާއި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑީޔާރު ކަމުން ވަކިކޮށް ޖިނާއީ ތަހުގީގެއް ފެށިއެވެ.

އަޒްމިރާލްދާގެ މައްޗަށް ތުހުމަތު ކުރީ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރު ކުރި މައްސަލައަށް ނުފޫޒު ފޯރުވި ކަމަށެވެ.

މަހާޒް ވަކިކުރީ ވެސް ހަމަ މި ތުހުމަތުގައެވެ. އަދި އެ ދުވަސްވަރު ސަސްޕެންޑު ކުރި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއެވެ.

އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، އެ ފަނޑިޔާރުން ވަކިކުރުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު އދ. ހިމެނޭހެން ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކުންނާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ގޮވާލާފައި ވަނިކޮށެވެ.

ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަ ފޮނުވި ކަމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނީ އެފަދަ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުން، އެ މައްސަލަ މިދިޔަ ސެޕްޓެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.