އެމަނިކުފާނުގެ އެކައުންޓުގައި 100 މިލިޔަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭނެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނުގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރުމާ ބެހޭގޮތުން ސުޕްރީމް ކޯޓުގައި މިހާރު ހިންގަމުންދާ އިސްތިއުނާފުގެ އަޑުއެހުމުގައި އެމަނިކުފާނުުގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ބާރު ލިބިގެންވާ މުއައްސަސާއަކީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ކަމަށެވެ.

އެގޮތުގެ މަތިން ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އޭސީސީން ކުރި މަސައްކަތުން، އެ ފައިސާ ނުހުރެދާނެތީ، އޭސީސީން އެދުނުގޮތަށް ވި އެއްބަސްވުމެއްގެ ދަށުން އެކްސްކްރޯ އެކައުންޓެއް ހުޅުގައި، އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައިވާނެ ކަމަށެވެ. އަދި އެ މައްސަލައަކީ އޭސީސީން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތެރެއަށް ފުލުހުންނަށް ވަދެވޭނީ އެކަމުގައި ޖިނާއީ ކަމެއް ހިމެނޭ ކަމަށް ވާނަމަ ކަމަށްވެސް ވިދާޅުވިއެވެ.

"މައްސަލަ ޖެހުނު ފައިސާ އަކީ އެއްމިލިޔަން ޑޮލަރު ކަމަށްވާތީ އެ ރިކަވާކުރަން ބޭނުން ހާލަތެއްގައި އެ ރިކަވާކުރެވޭގޮތަށް ހަމަ އެއްމިލިޔަން ޑޮލަރު، އޭގެން އެންމެ ލާރިއެއްވެސް އުނި ނުވާގޮތަށް އެހެރީ، ބެހެއްޓިފައި، އޭސީސީންބުނި އެކައުންޓެއްގައި ބަހައްޓައިދީފަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ތުހުމަތު ކުރެއްވީ، އެމަނިކުފާނުގެ އެކައުންތްތައް ފްރީސް ކުރުމަށް ކޯޓުއަމުރަކަށް ފުލުހުން އެދިގެންއުޅެނީ، އެ އެއްމިލިޔަން ޑޮލަރު ތްރާންސްފާ ކުރުމާ ގުޅިގެން ކަމަށެވެ. ނަަމަވެސް އެއީ އޭސީސީ އާއި ބޭންކާއި، އެމްއެމްއޭއަށް އެނގިގެން ކޮށްފައިވާ ކަމެއް ކަމަށާއި އެ ފައިސާ އެހުރީ ދައުލަތުގެ މުއައްސަސާއެއްގެ ދަށުގައި ކަމަށެވެ.

ހުރިހާކަމެއް އެހެންހުއްޓައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ބާރު، އެއްވެސް ހައިސިއްޔަތަކުން ފުލުހުންނަށް ލިބޭކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެހެންވީމަ ގާނޫނަށް އަމަލުކުރާ ރައްޔިތެއްގެ ހައިސިއްޔަތުން ގާނޫނުން ބާރުލިބޭ ފަރާތަކުން އަންގާގޮތަށް ކަންތައްކުރީމައި، ދެން އެއީ އެފައިސާ ނޫންކަމަށް ބުނެ އަޅުގަނޑުގެ އެހެން ހުރިހާ އެކައުންޓްތަކެއް ބެލުމުގެ އެއްވެސް ހައްގެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން، އޭސީސީއަކަށް އެ މައްސަ މައްސަލައަކަށްނުވި، އޭސީސީއަށް ބެންކު އޮފް މޯލްޑިވްސް އިން ހަމަ އެކައުންޓް ހުޅުވައިފަ އަލުގަޑަށް ސިޓީ ފޮނުވިގޮތަށް މިފައިސާ މިހިރީ ޖަމާވެފައޭ، އޭސިސީގެ ބެނިފިޓްގައި، ހަމަ އެސިޓީ އެބައޮތް އޭސީސީއަށްވެސް ފޮނުގަވައިފަ އެކަން ފުލުހުންގެ ތަހުގީގަށް ވެސް އެނގޭނެ، އެ ހުރިހާކަމެއް އެހެންހުއްޓައި ދެން ފުލުހުންނަކަށް ގާނޫނު އެއްވެސް ހައިސިއްޔަތެއް ނުލިބޭ، ދެން އަޅުަގަނޑުގެ ހުރިހާ އެކައުންޓްތައް ބަލާކަށް އަދި އަމްދުން އަޅުގަނޑުގެ އެކައުންތްތައް ފްރީޒްކުރާކަށް ނުޖެހޭ އެއީ އެހެރީ އެއްމިލިޔަން ބަހައްޓައިފަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނަށް ފުލުހުން ކުރާ ތުހުމަތަކީ ފުލުހުންނަށް ނޭނގޭ ފައިސާތަކެއް ހުރެގެން އެމަނިކުފާނުގެ އެކައުންޓްގައި ކުރެގެން ކުރާ ތުހުމަތު ތަކެއް ކަމަށެވެ.

ސާބިތު ކުރެވޭވަރަށް ތުހުމަތު ރެވިގެންނޫނީ އޭގެ މައުލޫމާތު ފުލުހުންނަށް އެނގެން ނުޖެހޭ ކަމަށާއި، ވަކި މީހެއްގެ އެކައުންޓްގައި ފައިސާހުރީ ކީއްވެގެންކަން ފުލުހުންނަށް ސުވާލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.