ރައްޔިތުންގެ މަޖިލިސް ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ސިއްރު އިންގިލާބެއް ހިންގާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވުމާ ގުޅިގެން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން އެކަމަށް ރައްދުދީފިއެވެ.
ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ބްލެކްމާކެޓުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހުން އެންމެ ބޮޑަށް ރުޅިގަދަވެފައި ތިބީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެންބަރުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެންމެ ގިނައިން ކަޅު ބާޒާރުން ޑޮލަރު ގަނެގެން އޭގެ ވިޔަފާރިކުރަނީ މަޖިލިސް މެންބަރުން ކަމަށާއި މަޖިލިސް ތެރޭގައި މިހާރު ވަރަށް ސައިލެންޓްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް އިންގިލާބެއް ހިނގާ ކަމަށެވެ. އަދި ދާދި އަވަހަށް ހާލަތު ބަދަލުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެގޮތަށް ވާހަކަދައްކައި، 20 ވަނަ މަޖިލިސް ރޫޅަނިކޮށް ދައުރު ނިމެނީ ކަމަށާއި މަޖިލިސް އޮތީ ސާބިތުކަމާއެކު ރައީސް މުއިއްޒާއެކު ވަރަށް ގަދަކޮށް ކަމަށެވެ.
"20 ވަނަ މަޖިލިސް އޮތީ ސާބިތުކަމާއެކު ރައީސް މުއިއްޒު އާއެކު ވަރަށް ގަދަކޮށް. މުސްތަފާ ލާރިކޮޅެއް ބޭނުންވާއިރަށް މިކަހަލަ ބޯނުބައި ހަބަރެއް ހިފައިގެން އެދަނީ. ތިގޮތަށް ވާހަކައިން 20 ވަނަ މަޖިލިސް ރޫޅަނިކޮށް ދައުރު މިއޮތް ނިމެނީ. ޔާމީނު މިހާރު އެމެރިކާއިން އެ ގެންނަ ބޭސްނުގެންނަންދެއްތޯ،" ފަލާހު ވިދާޅުވިއެވެ.
ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެންބަރުން ތިބީ ހިތްނުވަނަސްވެފައި ކަމަށެވެ. އަދި ޔާމީން ވިދާޅުވި ފަދަ ކަމެއް ރައްޔިތުންގެ މަޖިލިސް ތެރޭގައި ނުހިނގާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް ރައީސް ނަޝީދާ މަނިކުފާނުގެ ސިއްރު ގުޅުމުގެ ސަބަބުން އެމްޑީޕީ މެމްބަރުންގެ ހިތްނުތަނަވަސްކަން އޮތްކަން އެމީހުންގެ ވާހަކަތަކުން ހާމަވޭ! ހާލަތު ބަދަލު ވުމަށް ކީއްކުރަން ކުރާ އުންމީދެއްތޯ؟،" އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ޕީޖީ ގްރޫޕުގެ އެހެން މެންބަރުން ވެސް ގެންދަވަނީ ރައީސް ޔާމީންގެ އެ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް