ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު އަލާމާތް ފެންނަ ޓޫރިސްޓުން ވަގުތީ ގޮތުން ބައިތިއްބާނެ ކޮޓަރި ގެސްޓްހައުސްގައި ހުންނަން ޖެހޭނެ ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވަން ސަރުކާރުން ނިންމާފައިވާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތަކާއި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށް، ގެސްޓްހައުސްތަކާ ހިއްސާކޮށްފަ އެވެ.
އެ ގައިޑްލައިންގައި ބުނެފައިވާ ގޮތުން، ކޮވިޑުގެ އަލާމާތްތައް ފެންނަ ފަތުރުވެރިން ވަގުތީ ގޮތުން ބޭތިއްބުމަށް ކޮންމެ ގެސްޓް ހައުސްއެއްގައި ވެސް ކޮޓަރިތަކެއް ހާއްސަ ކުރަންޖެހެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ ސްޓާފުންނާއި ފަތުރުވެރިން އެކަހެރިކުރުމަށް އައިސޮލޭޝަން ފެސިލިޓީއަކާއި އެމީހުންގެ ކޮންޓެކްޓުން ބޭތިއްބުމަށް ކަރަންޓީން ފެސިލިޓީއެއް ރަށުގައި ހުންނަންޖެހޭނެ ކަމަށާއި އެ ދެ ތަން ވެސް ހަދަން ޖެހޭނީ ގެސްޓްހައުސްތަކުގެ ހަރަދުގައި ކަމަށް ބުނެފައިވެ އެވެ.
ގައިޑްލައިންގައި ބުނާ ގޮތުން ފާހަނާއެކު ކޮޓަރި ހުންނަ ގެތަކުގައި ވެސް ފެސިލިޓީ ހެދިދާނެ އެވެ. ނަމަވެސް އެތަނުގައި އާންމު އެއްވެސް ރައްޔިތަކު އުޅެގެން ނުވާނެ އެވެ. އަދި ރަށެއްގައި ޓޫރިސްޓު އެނދު ހުންނަ އަދަދަށް ބަލައި، ފެސިލިޓީތަކުގައި ކޮޓަރި ހުންނަން ޖެހޭނެ އަދަދު ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.
އެގޮތުން 500 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުންނަ ރަށެއްގައި ނަމަ 10 އައިސޮލޭޝަން ކޮޓަރި އާއި 20 ކަރަންޓީން ކޮޓަރި ހުންނަން ޖެހޭނެ އެވެ. ސަތޭކަ އާއި 500 ދެމެދުގެ ޓޫރިސްޓު އެނދު ހުންނަ ނަމަ ފަސް އައިސޮލޭޝަން ކޮޓަރި އާއި 10 ކަރަންޓީން ކޮޓަރި އަދި 100 އަށްވުރެ މަދުން ޓޫރިސްޓު އެނދު ހުންނަ ރަށްރަށުގައި ތިން އައިސޮލޭޝަން ކޮޓަރި އާއި ހަ ކަރަންޓީން ކޮޓަރި ހުންނަންޖެހޭނެ އެވެ.
ގައިޑްލައިންގައި އިތުރަށް ބުނީ، ގެސްޓްހައުސްގެ ހިދުމަތްދޭ ރަށެއްގެ ހެލްތު ސެންޓަރުން ހިންގާ ފްލޫ ކުލިނިކެއް ހުންނަން ޖެހޭނެ ކަމަށާއި އެ ކުލިނިކަށް ދައްކާ މީހުންގެ ރިކޯޑްތައް ބަލަހައްޓައި، ގަވާއިދުން އެޗްޕީއޭއާ ހިއްސާ ކުރަންޖެހޭނެ ކަމަށެވެ. އަދި ފްލޫ ކުލިނިކުގައި ވެސް އައިސޮލޭޝަން ރޫމެއް ހުންނަން ޖެހޭނެ ކަމަށާއި ނެތްނަމަ އެފަދަ މީހަކު ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް ގެންދެވެންދެން ވަގުތީ ގޮތުން ބާއްވަން އައިސޮލޭޝަން އެނދެއް ހާއްސަ ކުރަން ވާނެ ކަމަށް ބުނެފައިވެ އެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް