ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު ޓޫރިސްޓުންގެ ސާމްޕަލް ނެގުމާއި ގުޅޭ ހަރަދުތައް ކުރާން ޖެހޭނީ ފަތުރުވެރިޔާ އާއި ގެސްޓްހައުސްތަކުން ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.

ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތަކާއި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށް، ގެސްޓްހައުސްތަކަށް އެ ގައިޑްލައިން ފޮނުވައިފަ އެވެ.

"ވަން" އަށް ކޮޕީއެއް ލިބިފައިވާ އެ ގައިޑްލައިންގައި ރަށު ފެންވަރުގައާއި ގެސްޓްހައުސް ފެންވަރުގައި ވެސް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ރަށުގައި ފުރިހަމަވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވަން ޓޫރިޒަމް މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގަންޖެހެ އެވެ. އެ ހުއްދަ ނަގަން ޖެހޭނީ ރަށު ކައުންސިލުންނެވެ.

އޭގެ އިތުރުން އާންމުން ދިރިއުޅޭ ގެއާއި އިމާރާތުގައި ޓޫރިސްޓް ގެސްޓް ހައުސް ނުހިންގޭނެ ކަމަށާއި ކޮވިޑުގެ އަލާމާތްތައް ފެންނަ ސްޓާފުންނާއި ޓޫރިސްޓުންނަށް އެކަހެރިކުރަން އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީއެއް ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މި ދެ ފެސިލިޓީ ވެސް ހަދަން ޖެހޭނީ ގެސްޓް ހައުސްތަކުންނެވެ.

ގައިޑްލައިންގައި ބުނެފައިވާ ގޮތުން 500 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުންނަ ރަށެއްގައި ނަމަ 10 އައިސޮލޭޝަން ކޮޓަރި އާއި 20 ކަރަންޓީން ކޮޓަރި ހުންނަން ޖެހޭނެ އެވެ. ސަތޭކަ އާއި 500 ދެމެދުގެ ޓޫރިސްޓު އެނދު ހުންނަނަމަ ފަސް އައިސޮލޭޝަން ކޮޓަރި އާއި 10 ކަރަންޓީން ކޮޓަރި އަދި 100 އަށްވުރެ މަދުން ޓޫރިސްޓު އެނދު ހުންނަ ރަށްރަށުގައި ތިން އައިސޮލޭޝަން ކޮޓަރި އާއި ހަ ކަރަންޓީން ކޮޓަރި ހުންނަން ޖެހޭނެ އެވެ.

ގައިޑްލައިންގައި އިތުރަށް ބުނީ، ގެސްޓްހައުސްގެ ހިދުމަތްދޭ ރަށެއްގެ ހެލްތު ސެންޓަރުން ހިންގާ ފްލޫ ކުލިނިކެއް ހުންނަން ޖެހޭނެ ކަމަށެވެ. އެ ކުލިނިކަށް ދައްކާ މީހުންގެ ރެކޯޑްތައް ބަލަހައްޓައި، ގަވާއިދުން އެޗްޕީއޭއާ ހިއްސާ ކުރަންޖެހެ އެވެ. އަދި ކޮވިޑުގެ އަލާމާތް ހުންނަ މީހުން ކޮވިޑަށް ޓެސްޓު ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ޓޫރިސްޓަކު ފްލޫ ކުލިނިކަށް ގޮސް ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓު ހެދުމަށް އަދި ކޮވިޑް ސާމްޕަލް އެހެން ތަނަކަށް ފޮނުވުމަށާއި ޕީޕީއީއަށް ހިނގާ ހަރަދުތައް ދޭން ޖެހޭނީ ޓޫރިސްޓާއި ގެސްޓްހައުސް އިން ކަމަށް ގައިޑްލައިންގައި ބުނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވާ ޓޫރިސްޓުންނާއި މުވައްޒަފުން ސަރަހައްދީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ހާއްސަ އުޅަނދެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.