ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީ ހަދަން ޖެހޭނެ ކަމަށާއި އެތަންތަން ހަދަން ޖެހޭނީ ގެސްޓްހައުސްތަކުން ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.

ގެސްޓްހައުސްތައް ހުޅުވަން މަހަކަށްވުރެ ކުޑަތަން ވެފައިވާއިރު ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތަކާއި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށް، ގެސްޓްހައުސްތަކަށް ވަނީ ފޮނުވައިފަ އެވެ.

"ވަން" އަށް ކޮޕީއެއް ލިބިފައިވާ އެ ގައިޑްލައިންގައި ރަށު ފެންވަރުގައާއި ގެސްޓްހައުސް ފެންވަރުގައި ވެސް ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލު ބުނެފައިވެ އެވެ.

ގައިޑްލައިންގައި ބުނެފައިވާ ގޮތުން އާންމުން ދިރިއުޅޭ ގެއާއި އިމާރާތުގައި ޓޫރިސްޓް ގެސްޓް ހައުސްއެއް ނުހިންގޭނެ އެވެ. އަދި ކޮވިޑުގެ އަލާމާތްތައް ފެންނަ ސްޓާފުންނާއި ޓޫރިސްޓުންނަށް އެކަހެރިކުރަން އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީއެއް ހުންނަންޖެހޭނެ ކަމަށާއި އެ ދެ ތަން ވެސް ހަދަން ޖެހޭނީ ގެސްޓްހައުސްތަކުގެ ހަރަދުގައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެތަން ހިންގައި ބަލަހައްޓާނީ ގެސްޓްހައުސްތަކާއި ކައުންސިލުންނެވެ.

ގައިޑްލައިންގައި ބުނާ ގޮތުން ފާހަނާއެކު ކޮޓަރި ހުންނަ ގެތަކުގައި ވެސް ފެސިލިޓީ ހެދިދާނެ އެވެ. ނަމަވެސް އެތަނުގައި އާންމު އެއްވެސް ރައްޔިތަކު އުޅެގެން ނުވާނެ އެވެ. އަދި ރަށެއްގައި ޓޫރިސްޓު އެނދު ހުންނަ އަދަދަށް ބަލައި، ފެސިލިޓީތަކުގައި ކޮޓަރި ހުންނަން ޖެހޭނެ އަދަދު ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.

އެގޮތުން 500 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުންނަ ރަށެއްގައި ނަމަ 10 އައިސޮލޭޝަން ކޮޓަރި އާއި 20 ކަރަންޓީން ކޮޓަރި ހުންނަން ޖެހޭނެ އެވެ. ސަތޭކަ އާއި 500 ދެމެދުގެ ޓޫރިސްޓު އެނދު ހުންނަ ނަމަ ފަސް އައިސޮލޭޝަން ކޮޓަރި އާއި 10 ކަރަންޓީން ކޮޓަރި އަދި 100 އަށްވުރެ މަދުން ޓޫރިސްޓު އެނދު ހުންނަ ރަށްރަށުގައި ތިން އައިސޮލޭޝަން ކޮޓަރި އާއި ހަ ކަރަންޓީން ކޮޓަރި ހުންނަންޖެހޭނެ އެވެ.

ގައިޑްލައިންގައި އިތުރަށް ބުނީ، ގެސްޓްހައުސްގެ ހިދުމަތްދޭ ރަށެއްގެ ހެލްތު ސެންޓަރުން ހިންގާ ފްލޫ ކުލިނިކެއް ހުންނަން ޖެހޭނެ ކަމަށާއި އެ ކުލިނިކަށް ދައްކާ މީހުންގެ ރިކޯޑްތައް ބަލަހައްޓައި، ގަވާއިދުން އެޗްޕީއޭއާ ހިއްސާ ކުރަންޖެހޭނެ ކަމަށެވެ. އަދި ޓޫރިސްޓަކު ފްލޫ ކުލިނިކަށް ގޮސް ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓު ހެދުމަށް އަދި ކޮވިޑް ސާމްޕަލް އެހެން ތަނަކަށް ފޮނުވުމަށާއި ޕީޕީއީއަށް ހިނގާ ހަރަދުތައް ދޭންޖެހޭނީ ޓޫރިސްޓާއި ގެސްޓްހައުސް އިން ކަމަށް ގައިޑްލައިންގައި ބުނެ އެވެ.