ގެސްޓްހައުސްތަކަށް ރަށެއް ހުޅުވާލުމަށް އެކަމުގެ ހުއްދައަށް އެދެން ޖެހޭނީ އެރަށެއްގެ ކައުންސިލުން ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
ގެސްޓްހައުސްތައް ހުޅުވަން މަހަކަށްވުރެ ކުޑަތަން ވެފައިވާއިރު ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާއި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ޑްރާފްޓް ގައިޑްލައިނެއް ތައްޔާރުކޮށް، ގެސްޓްހައުސްތަކަށް ވަނީ ފޮނުވައިފަ އެވެ.
"ވަން" އަށް ކޮޕީއެއް ލިބިފައިވާ އެ ގައިޑްލައިންގައި ބުނެފައިވާ ގޮތުން ގެސްޓްހައުސްތަކަށް ރަށެއް ހުޅުވާލުމަށް އެކަމުގެ ހުއްދައަށް އެދި ޓޫރިޒަމް މިިނިސްޓްރީގައި އެދެން ޖެހޭނީ އެރަށެއްގެ ކައުންސިލުންނެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭގެ ގަވާއިދުތަކާއި އުސޫލުތައް ރަށު ކައުންސިލުން ތަންފީޒު ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ގައިޑްލައިންގައި އިތުރަށް ބުނީ، ގެސްޓް ހައުސްއެއް ހުޅުވުމުގެ ކުރިން އެތަނެއްގެ މެނޭޖްމަންޓުން ނުވަތަ ވެރިޔާ އެކަމުގެ ރަސްމީ ހުއްދައެއް ކައުންސިލުން ހޯދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގެސްޓް ހައުސް އޮޕަރޭޓް ކުރުމުގެ ހުއްދަ ދޭނީ ގައިޑްލައިންގައި ބުނާ ގޮތުން ޓޫރިޒަމް މިނިސްޓްރީންނެވެ. އެ ހުއްދަ ދޭނީ ގެސްޓް ހައުސް އިން ތައްޔާރުކޮށް ހުށަހަޅާ ކޮވިޑް ސޭފް ޕްލޭނަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ޕްލޭންގައި ރަށުގައި އުފައްދާފައިވާ ކޮވިޑް ޓާސްކު ފޯހާ ގެސްޓްހައުސްގެ ފަރާތުން މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ހަމަޖެއްސުމާއި އަލާމާތް ހުންނަ ފަތުރުވެރިޔަކު، އޭނާގެ ކޮވިޑް ނަތީޖާ ލިބި ފެސިލިޓީއަކަށް ގެންދެވެންދެން ވަގުތީ ގޮތުން އެކަހެރިކުރާނެ ކޮޓަރިއެއް ގެސްޓްހައުސްގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ގެސްޓްހައުސް ތެރޭގައި ބަލި ނުފެތުރޭނެ ގޮތަށް ފިޔަވަޅުތައް އެޅުމާއި ކޮވިޑަށް ޝައްކު ކުރެވޭ ކޭސްއެއްގެ ކައިރިއަށް ދިއުމަށް ޕީޕީއީ ބެހެއްޓުމާއި އަތް ދޮވެވޭނެ އިންތިޒާމާއި އިންފްރާ ރެޑް ތާމޯމީޓަރެއް ހިމެނޭހެން ބޭސިކް ފަސްޓް އެއިޑް ހުންނަން ޖެހެ އެވެ.
ގައިޑްލައިންގައި އިތުރަށް ބުނީ ގެސްޓަހައުސްތައް ހުޅުވުމަށްފަހު ގެސްޓުންނާއި އެރަށެއްގެ އާންމުން އާންމު ތަންތަނަށް އެއްވާން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ޓޫރިސްޓުންނަށް އާންމުން ދިރިއުޅޭ ގެތަކަށް ވަނުމަކީ މަނާ ކަމެކެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް