މާލެއިން ގެސްޓްހައުސް ހިންގާ ރަށަކަށް ދާނަމަ ޓެސްޓު ހަދަން ޖެހޭނެ ކަމަށާއި އަދި އެރަށެއްގައި ކަރަންޓީނު ވެސް ވާން ޖެހޭނެ ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސްތައް މާޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
ގެސްޓްހައުސްތައް ހުޅުވަން މަހަކަށްވުރެ ކުޑަތަން ވެފައިވާއިރު ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާއި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށް ގެސްޓްހައުސްތަކަށް ފޮނުވާފައިވާ ޑްރާފްޓް ގައިޑްލައިނުގައި ބުނެފައިވަނީ، މާލެ ސަރަހައްދުން ގެސްޓް ހައުސް ހިންގާ ރަށަކަށް ދާނަމަ ކަރަންޓީނު ވުން މަޖުބޫރުވާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގެސްޓް ހައުސް ހިންގާ ރަށަކުން މާލެ އަންނަ މީހަކު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.
ގައިޑްލައިންގައި ބުނީ، ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނެތް ރަށަކަށް ދާނަމަ އެމީހަކު ވެސް ކަރަންޓީނު ވެ ޓެސްޓު ހަދަން ޖެހޭނެ ކަމަށާއި ނަމަވެސް ގެސްޓް ހައުސް ރަށަކުން އެހެން ގެސްޓް ހައުސް ރަށަކަށް ދަތުރުކުރާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ ކަަމަށެވެ. އަދި މާލެ ސަރަހައްދުން ގެސްޓް ހައުސް ހިންގާ ރަށަކަށް ގޮސް، ގެސްޓް ހައުސްއެއްގައި މަޑު ކުރުމަކީ މަނާކަމެކެވެ.
ގައިޑްލައިންގައި އިތުރަށް ބުނީ، މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ގެސްޓް ހައުސް ހިންގާ ރަށަކަށް ދަތުރުކުރާނަމަ އެރަށެއްގެ ގެސްޓްހައުސްއެއްގައި ބިދޭސީއަކަށް ވެސް އަދި ދިވެއްސަކަށް ވެސް ހުރެވިދާނެ ކަމަށެވެ. ނަމަވެސް ގެސްޓްހައުސް އެއްގައި މަޑުކުރާނަމަ ރަށުގެ އެހެން ގެތަކަށް ވަނުމަކީ މަނާކަމެކެވެ. އަދި ގެސްޓް ހައުސްއެއްގައި މަޑުކުރުމަށްފަހު އެހެން ރަށަކަށްދާނަމަ އެ ރަށަކަށް ގޮސް ކަރަންޓީނުވެ، ޓެސްޓު ކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް