ރަށްރަށުގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް އަލުން ހުޅުވާލާއިރު އަލާމާތް ހުރި މުވައްޒަފަކު ނެގެޓިވް ވިޔަސް 48 ގަޑިއިރު ސެލްފް އައިސޮލޭޝަންގައި ހުންނަން ޖެހޭނެ ކަމަށް ކޮވިޑް-19ގެ ހާލަތުގައި ގެސްޓްހައުސްތައް އަލުން ހުޅުވުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގައިޑްލައިންގައި ބުނެފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓް ހައުސްތައް މާޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އިރު އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ތާރީހުގައި ވެސް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.
ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާއި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށް ގެސްޓް ހައުސްތަކަށް ފޮނުވާފައިވާ ޑްރާފްޓް ގައިޑްލައިނުގައި ބުނެފައިވަނީ، ފަތުރުވެރިޔާ ނުވަތަ ގެސްޓް ހައުސްގެ މުވައްޒަފެއްގެ ފަރާތުން ކޮވިޑުގެ އަލާމާތެއް ފެނިއްޖެނަމަ ވަގުތުން އެ މީހަކު މާސްކު އަޅަންޖެހޭނެ ކަމަށެވެ. އަދި އޭނާގެ ޓެސްޓު ހަދަން ދެން ބަހައްޓަން ޖެހޭނީ އެކަހެރިކޮށްފައި ކަމަށް ބުނެފައިވެ އެވެ.
ބަލީގެ އަލާމާތެއް ހުރި ފަތުރުވެރިޔާ އުޅެނީ އެހެން މީހަކާއެކު އެއް ކޮޓަރިއެއްގައި ނަމަ، އަލާމާތް ފެނުނު ފަތުރުވެރިޔާ ގެސްޓް ހައުސްގައި ގާއިމްކޮށްފައި ހުންނަ އައިސޮލޭޝަން ކޮޓަރީގައި ނުވަތަ އޭނާ ހުރި ކޮޓަރީގައި އެކަހެރި ކުރެވޭނެ ކަމަށާއި އަދި ބަލީގެ އަލާމާތް ފެނުނު ފަތުރުވެރިޔާގެ ކްލޯސް ކޮންޓެކްޓުން މާސްކު އަޅައި އެމީހެއްގެ ކޮޓަރީގައި ކަރަންޓީނު ވެގެން ތިބެން ޖެހޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.
އަލާމާތްތައް ފެންނަ ގެސްޓް ހައުސްގެ މުވައްޒަފަކު ސެލްފް އައިސޮލޭޓް ވާންޖެހޭނީ ގައިޑްލައިންގައި ބުނާ ގޮތުން އެމީހެއްގެ ގޭގަ އެވެ.
ގައިޑްލައިންގައި ބުނީ، ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ކުރިން ރަށުގައި ގާއިމްކުރަންޖެހޭ ފްލޫ ކުލިނިކުން ކޮވިޑުގެ އަލާމާތްތައް ފެންނަ އެންމެންގެ ޕީސީއާރު ސާމްޕަލް ނަގަން ޖެހޭނެ ކަމަށެވެ. އަދި އަލާމާތް ފެނުނު ފަތުރުވެރިއެއްގެ ސާމްޕަލް ނެގެޓިވް ވެއްޖެނަމަ އޭނާ އައިސޮލޭޝަނުން ދޫކޮށްލެވިދާނެ ކަމަށާއި ނަމަވެސް އޭނާ ހުންނަ ކޮޓަރިން ބޭރަށް ދާއިރު މާސްކު އަޅައި ގައިދުރުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އަލާމާތްތައް ފެނުނު ގެސްޓް ހައުސްގެ މުވައްޒަފުގެ ސާމްޕަލް ކޮވިޑަށް ނެގެޓިވްވި ނަމަވެސް އޭނާއަށް މަސައްކަތަށް ނުކުމެވޭނީ އޭގެ 48 ގަޑިއިރު ފަހުން ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.
ގެސްޓްހައުސް
ގެސްޓްހައުސް
ގެސްޓްހައުސް