ޓުއަރިޒަމް

ފްލައި ދުބާއީގެ ދަތުރުތައްވެސް ރާއްޖެއަށް އަލުން ފަށަނީ

އެމިރޭޓްސްގެ ބަޖެޓް އެއާލައިނެއްގެ ގޮތުގައި އުދުހޭ، ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ނިންމައިފި އެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް ފެށީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް 2018 ވަނަ އަހަރު އެ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

ފްލައި ދުބާއީއާ ހަވާލާދީ ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށަނީ އަންނަ މަހުގެ 27 ގައެވެ. އަދި ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެއަށް ބާއްވާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގަ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް ޔޫއޭއީންނެވެ. ބޯޑަރު ހުޅުވާލި ފަހުން އެގައުމުން 2400 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމާފައިވާއިރު ސުވިޒަލެންޑުގެ އެޑެލްވައިސް އެއާލައިނުން ވެސް ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. ޒިއުރިކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދު އެޑެލްވައިސް އެއާލައިނުން ދަތުރުތައް ފަށަން ނިންމާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.