ރާއްޖޭގައި ފަތުރުވެރިންނަށް ދެމުން އަންނަ މޫދު ކުޅިވަރާއި އެކްސްކާޝަންގެ ހިދުމަތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ޓޫރިޒަމް މިނިސްޓްރީން "ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ހިދުމަތްތައް ދިނުމާބެހޭ ގަވާއިދު" އާންމުކޮށްފިއެވެ.

މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަންވަނީ ފަށައިފައެވެ.

ގަވާއިދުގައިވަނީ ވޯޓް ސްޕޯޓްސް ދިނުމުގެ ހިދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެހެން ފުރިހަމަކުރަންޖެހޭ މުހިންމު ޝަރުތުތަކެއް ކަނޑައަޅައިފައެވެ. މީގެ ކުރިން މިކަންކަން ހިންގަމުން އައީ މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުންނެވެ.

އާ ގަވާއިދު ބަޔާންކުރާ ގޮތުގައި މޫދު ކުޅިވަރާއި އެކްސްކާޝަންގެ ހިދުމަތް ދޭ ކޮންމެ ތަނެއްގައިވެސް ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ ޕްލޭނެއް އޮންނަން ޖެހެއެވެ. އަދި މި ޕްލޭން ކަސްޓަމަރުންނަށް ފަސޭހައިން ފެންނަ ގޮތަށް ބަހައްޓަން ޖެހޭއިރު، ޓޫރިޒަމް މިނިސްޓްރީން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ ޕްލޭން ހުށަހަޅަންވެސް ލާޒިމުވާނެއެވެ.

މި ޕްލޭނުގައި ކޮންމެހެން ހިމަނަންޖެހޭ މައިގަނޑު ކަންތައްތަކަކީ:

  • މީހަކު ގެނބިއްޖެ ނަމަ، ނުވަތަ ގެއްލިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅާނެ ގޮތް.
  • ހަރަކާތެއްގެ ތެރެއިން މީހެއްގެ ފުރާނައަށް ނުރައްކާވެ، އަނިޔާއެއް ލިބިއްޖެ ނަމަ، އަމަލުކުރާނެ ގޮތް.
  • މޫސުން ގޯސްވުމާއި، ދަތުރުކުރާ އުޅަނދަށް ދިމާވާ ކުއްލި މައްސަލަތަކުގައި އަމަލުކުރާނެ ގޮތް.
  • ހާދިސާއެއް ދިމާވެއްޖެ ނަމަ، ގުޅަންޖެހޭ އިދާރާތަކާއި އެ ފަރާތްތަކުގެ ފޯނު ނަންބަރުތައް.
  • ކުޅިވަރު ހިންގާ ސަރަހައްދާ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުގެ މައުލޫމާތު

މީގެ އިތުރުން، ފަތުރުވެރިންނަށް އެ ހަރަކާތަކާ ބެހޭ ފުރިހަމަ މައުލޫމާތު ދިނުމަށާއި، ކުޅިވަރުތައް ކުރިއަށްގެންދާނެ ވަކި ހާއްސަ ސަރަހައްދެއް ކަނޑައެޅުމަށްވެސް ވަނީ ޝަރުތުކޮށްފައެވެ. އަދި ބޭނުންކުރާ ސާމާނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އުފެއްދި ކުންފުނީގެ އިރުޝާދާ އެއްގޮތަށް ބޭނުންކުރާ ތަކެތި ކަމުގައި ވާންޖެހެއެވެ.

މި ގަވާއިދުގެ ދަށުން، ލައިފް ޖެކެޓް އެޅުވުން މަޖުބޫރުވާ ހާލަތްތަކާއި، ފަތަން އެނގޭ މިންވަރު ދެނެގަންނާނެ އުސޫލުތަކުގެ އިތުރުން ހިދުމަތް ދޭ މުވައްޒަފުންގެ ޝަރުތުތައްވެސް ވަނީ ސާފުކޮށްދީފައެވެ.

އަދި މޫދު ކުޅިވަރާއި އެކްސްކާޝަންގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުންވެސް ޓޫރިޒަމް މިނިސްޓްރީގައި އަލުން ރަޖިސްޓްރީވާން ޖެހޭނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.