ތ. ތިމަރަފުއްޓާއި ލ. ފޮނަދޫގައި ސިޓީ ހޮޓާ އިމާރާތްކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސިޓީ ހޮޓާ ހެދުމަށް ތިމަރަފުށިން ދޫކުރުމަށް ހަމަޖެހިފައިވަނީ 26،480.67 އަކަމީޓަރުގެ ސަރަހައްދެއް ކަމަށެވެ. 50 އަހަރުގެ ދިގު މުއްދަތަކަށް ދޫކުރާ މި ބިމުގައި ހޮޓާ ތަރައްގީ ކުރުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންނަށް ވެސް އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބިޑު ކާމިޔާބުވާ ފަރާތަކުން ދެ އަހަރު ދުވަހުގެ ތެރޭގައި ހޮޓަލުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން، މި މަޝްރޫއުގެ އިކުއިޒިޝަން ކޮސްޓަކީ 100،000 ޑޮލަރު ކަމަށްވާ އިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް 25،000 ޑޮލަރު ބަހައްޓަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ ތިން ބިމެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ:

  • 32،129 އަކަފޫޓުގެ ބިމެއް
  • 33،801 އަކަފޫޓުގެ ބިމެއް
  • 26،736 އަކަފޫޓުގެ ބިމެއް

މި ދެ ރަށުގެ މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުންތައް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 1 އަދި 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ނުވަތަ ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 7 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ދެ މަޝްރޫއުގެ ބިޑް ޑޮކިއުމެންޓް ވިއްކުން އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖެނުއަރީ 6 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އެ މިނިސްޓްރީން ކުރިއަށްދާނެ ކަމަށެވެ.