ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސްޓޭބަލްވާކަމުގެ ނިޝާންތަކެއް ފެންނަމުން އަންނަ ކަމަށާއި ނަމަވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކަށް އަދި ލުޔެއް ނުދެވޭނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރު އަހުމަދު ސަހީދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ސަހީދު ވިދާޅުވީ، އޮގަސްޓް މަހާ އަޅައިބަލާއިރު މިމަހުގެ ފުރަތަމަ ދެ ހަފްތާގައި ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވެފައިވާ ކަމަށެވެ. އެގޮތުން ފްލޫ ކުނިލިކުތަކަށް ދައްކާ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އޮގަސްޓް މަހުގެ ތެރޭގައި 18 ޕަސެންޓާއި 20 ޕަސެންޓުގައި ހުރި ނަމަވެސް އެ އަދަދު މިމަހު 13 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތި ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ޑރ. ސަހީދު ފާހަގަކުރެއްވި އެވެ.

"އެއްވެސް ކަލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ވެސް މިވަނީ ފާއިތުވި ތިން ހަފްތާގައި އެއްވަރެއްގައި ހިފެހެއްޓިފައި. ގާތްގަނޑަކަށް 30 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގައި،" ޑރ ސަހީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އޮގަސްޓް މަހާ އަޅައިބަލާއިރު ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމުގައި ބަލާ ސްކޯ ވެސް މިމަހުގެ ތެރޭގައި ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ސްކޯއަކީ ހަތެކެވެ. އޮގަސްޓް މަހުގެ އެވްރެޖް ސްކޯއަކީ ނުވަ އެކެވެ. އެ ސްކޯ 10 އަކަށް އެރުމުން ލޮކްޑައުންއަކާއެކު ހަރުކަށި ފިޔަވަޅުތައް އަޅަންޖެހެ އެވެ.

"ކޮވިޑުގެ ކޭސްތައް ދަށަށް ދަނީއޭ ބުނަން އަދި އަވަސް. އަޅުގަނޑު ދަންނަވާނީ ކޮންމެވެސް ވަރަކަށް ސްޓޭބަލް ނުވަތަ ފްލެޓާންވާކަމުގެ ނިޝާންތަކެއް އެބަ ފެނެއޭ. ނަމަވެސް ކޮންސިސްޓަންޓުކޮށް ދަށަށް އަންނަނީއޭ ބުނަން އަދި އަވަސް. އެހެންކަމުން އެޗްޕީއޭ އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދުލެއް ދެވެން އަދި ނޯންނާނެ. ފިޔަވަޅުތަކާއި ދޭތެރޭގައި ފަރުވާކުޑަކޮށްގެން އެއްވެސް ގޮތަކަށް ކަމަކު ނުދާނެ،" ޑރ. ސަހީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފިޔަވަޅުތަކަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދާއިމީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށާއި ކޮވިޑު ކޮންޓްރޯލް ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވެސް ލިބިގެން ކަމަށެވެ.