އިދިކޮޅު ކޯލިޝަން

ކޯލިޝަންގެ ޕާޓީއަކުން އެއްވެސް ހަރުކަށި ފިކުރަކަށް ތާއީދެއް ނުކުރާނެ: އިދިކޮޅު

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ހަރުކަށި އަދި ހައްދު ފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިގޮތަށް ބުނެފައިމިވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގާ ހަަރަކާތަކީ ހަނގުރާމަވެރި ޖަމާއަތް، އައިސިސް އިން ރާއްޖެ ހިފުމަށް ދެވޭ ބާރެއް ކަމަށާއި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް" ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރެއްވުމާއި ގުޅިގެނެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ޓެރަރިޒަމްއާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅައި ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވަނީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި ރާއްޖެއިން ބޭރުގެ އެއްވެސް ބައެއްގެ ޖާއިޒް ނޫން ނުފޫޒެއް އަޔަނުދީ ސިޔާދަތީ ބާރު ދިވެހިންނަށް ކަށަވަރު ކޮށްދިނީވެސް ޕީޕީއެމްގެ ވެރިކަމުގައި ކަމަށެވެ.

ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމާއި ދިވެހި ގައުމުގެ ކަންކަން ނިންމާނީ ދިވެހިން ބޭނުންވާ ގޮތަށްކަމާއި އެ އުސޫލުތައް ސާބިތުކަންމަތީ ހިފެހެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށްވެސް ބަޔާނުގައި ވެއެވެ.

"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އާއި ރައްޔިތުން މަސައްކަތް ކުރަނީ އައިސިސް އިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށް ރައްޔިތުންގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މިކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ހަރުކަށި އަދި ހައްދު ފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާއީދެއް ނުކުރާނެ،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ މިއަދު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސަލާމަތަށް ބުރޫ އަރާފަދަ ގޮތް ނޭނގޭ އެތައް މަސައްކަތްތަކެއް ބޭރުގެ އެކި ފަރާތްތަކާއެކު ކުރަމުންދާތީ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުން ކަމަށާއި ރާއްޖޭގެ ގާނޫނީ ސަރުކާރުތައް ވައްޓާލުމަށް އެތެރެ އާއި ބޭރުން އަމަލީގޮތުން މަސައްކަތްކޮށްފައި ވަނީ ކޮންބައެއްކަން ތާރީހުން ވަރަށް ރަނގަޅަށް ހާމަވާނެ ކަމަށެވެ.

"ރާއްޖެ ހިފުމަށް ފަހުގެ ތާރީހުގައި މަގުފަހި ކުރަމުން، އެކަންކަމަށް ބޭރުގެ އެކިއެކި ޕްލެޓްފޯމްތަކުގައި ގޮވާލަމުން އައިސްފައި ވަނީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންނާއި އަދި ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި ބޭފުޅުން. ރާއްޖޭގައި ދީނީގޮތުން ބައިބައިވުން އުފެދޭ ގޮތަށާއި އިސްލާމްދީނާއި ބީރައްޓެހި ހިޔާލުތަކަށް ފުރުސަތު ފަހިވާގޮތަށް ހިތްވަރު ނުދިނުމަށާއި ދިވެހީންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ސިފަ ކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް މަޖިލީހުގެ ރައީސަށް ގޮވާލަން،" ބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ އިސްލާމްދީނާއި ދިވެހިންގެ ފަސްގަނޑުގެ ދިފާއުގައި ކަން ދިވެހި ރައްޔިތުންނަށް ޔަގީންކަންދޭ ކަަމަށްވެސް ބަޔާނުގައިވެއެވެ.