ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒު ކުރުމުގެ އަމުރަށް އެދުނުއިރު، ދައުލަތަށް ލިބެންޖެހޭނެ ކަމަށް ޓާގެޓްކުރާ ފައިސާގެ އަދަދާބެހޭ އެންމެހާ މައުލޫމާތު ޝަރީއަތަށް ސާފުކޮށްދެވޭ ވަަރަށް ތައްޔާރުވުމަށް ދައުލަތަށް އަންގަވައި، ރައީސް ޔާމީންގެ އެކައުންޓްތައް ފުރީޒް ކުރުމާބެހޭ އިސްތިއުނާފު ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.

މި މައްސަލަ އަކީ، ފުލުހުންގެ ހުށަހެޅުމަކަށް، ރައީސް ޔާމީންގެ އަށް އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްގެން ކުރިއަށް ގެންދާ މައްސަލައެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި، ރައީސް ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒް ކުރުމަށް ހުށަހެޅި މައްސަލައިގައި ދައުލަތުގެ ވަކީލުންނާއި، އެ މައްސަލަ ތަހުގީގު ކުރާ ފުލުހުންނަށް، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އާއިޝާ ސުޖޫންގެ ވަރުގަދަ ސުވާލުތަކަކާ ކުރިމަތިލާން ޖެހުނެވެ.

މިއަދު ދައުލަތުގެ ވަކީލުންނާއި ފުރަތަމަ ސުވާލު ކުރެއްވީ، ފަނޑިޔާރު އާއިޝާ ސުޖޫންއެވެ.

ފަނޑިޔާރު ސުޖޫން ސުވާލު ކުރެއްވީ، ވަކި ޓްރާންސެޝަނަކާބެހޭގޮތުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވިފައި އޮތްއިރު، ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި، ބައިވަރު އެކައުންޓްތަކެއް ފްރީޒް ކުރަން ހިމެނިފައިވާ މައްސަލައާ ބެހޭގޮތުންނެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓްތައް ތަހުގީގު ކުރުމަށް އެދި އެމްއެމްއޭއިން ފޮނުވި ސިޓީގައި، ވަކި ޓްރާންސެކްޝަނެއްގެ މައުލޫމާތު ބަޔާންކޮށްފައިވީ ނަމަވެސް، އެ ބޭންކު އެކައުންޓް ތަކުގެ މައުލޫމާތު ފުލުހުން މެދުވެރިކޮށް، ހޯދާބެލިއިރު އޭގެ ތެރެއިން އެއް އެކައުންޓަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކޮށްފައިވާ ރަށަކާ ގުޅުންހުރި ފައިސާ ޖަމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، އެއަށްފަހު އެ ފައިސާ ތަފާތު 3 އެކައުންޓަކަށް ނަފާހޯދުމުގެ ގޮތުން އިންވެސްޓް ކޮށްފއިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.

އެއަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ އިސް ފަނޑިޔާރު އުސްނުއްސުއޫދު ވަނީ ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ.

އެގޮތުން، އެކައުންޓްތައް ފްރީޒް ކުރަން، ކޯޓު އަމުރަށް އެދުނުއިރު، ވަކި އިޖުރާއަތެއްގެ ދަށުން އެކަމަށް އެދިފައިނުވަނީ ކީއްވެތޯ، ސުއޫދު ސުވާލު ކުރެއްވިއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ، އެކޯޓު އަމުރަށް އެދިފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމެއް، ނުވަތަ މަނީލޯންޑާ ކުރުމާއި، ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ގާނޫނުގެ އިޖުރާއަތުގެ ދަށުންކަމެއް އެނގެން ނެތް ކަމަށެވެ. އަދި ކޯޓު އަމުރު ނެރެފައި ވަނީ ކޮން އިޖުރާއަތެއްގެ ދަށުންކަން އެނގެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ތުހުމަތު ކުރެވޭ މައްސަލައެއްގައި، މީހެއްގެ މުޅި އެސެޓް، މުޅި މިލްކިއްޔާތު ގާނޫނީގޮތުން ހިފާއްޓައި، ފްރީޒް ކުރަން އެދެވިދާނެތޯ ވެސް ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވިއެވެ.

"ގާނޫނީގޮތުން ތުހުމަތު ކުރެވިފައި ވަނީ އެންމެ އެސްޓީއާރަކާބެހޭގޮތުން، އެއްމިލިޔަން ޑޮލަރެއްގެ އިޝޫ މިއުޅެނީ، މީހެއްގެ މިލްކިއްޔާތުގައިހުރި އޭނަގެ އަމިއްލަ ހަރަދު ކުރުމަށާއި، ޒާތީ ހަރަދު ކުރުމާއި، އޭނާ އާއްމުގޮތެއްގައި، ކުރަންޖެހޭ ހަރަދުތައް ކުރުމާއި، މިކަންކަން ހުއްޓޭނެ ގޮތަަކަށް ފަރުދެއްގެ މުޅި މިލްކިއްޔާތު ފްރީޒް ކުރަން ކޯޓު އަމުރަކުން އެދެވިދާނެތޯ، އެކަމަށް ޖާގަ ދޭތޯ ގާނޫނުން،" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްްވިއެވެ.

ދައުލަތަށް ލިބެންޖެހެނީ، އެއް މިލިޔަން ޑޮލަރު ކަމަށްވާއިރު، އެއަށްވުރެ ގިނަ ފައިސާ ހިމެނޭގޮތަށް، އެކައުންޓްތައް ފްރީޒް ކުރަށް އެދުނު މައްސަލައިގައި، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރައްވައިފައެވެ.

"ގާނޫނުގައި ބުނަނީ އެސެޓެއިން ކުރެވެންޖެހޭ ކަމަށް ފްރީސްކުރަންޖެހޭ ސަބްޖެކްޓް، މެޓާ އެސެޓެއިން ކުރެވެންޖެހޭ، އެހެންނޫންނިއްޔާ ރިކަވާ ކުރަންޖެހޭ، ކޯޓު އަމުރަަކަށް އެދުނުއިރު އެސެޓިން ކުރެވިފައިތޯ އޮތީ ޓާގެޓަކީ ކޮބައިކަން،" ސުއޫދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ބީއއެމްއެލްގެ ތިން އެކައުންޓަކާއި، އިސްލާމިކް ބޭންކުގެ އަށް އެކައުންތަކާއި، މޮރިޝަސް ކޮމާޝަލް ބޭންކުގެ ދެ އެކައުންޓެއް ފްރީޒްކުރަން ފުލުހުންގެ ފަރާތުން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދުގެ ސުވާލުތަކަށް، ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް ފުލުހުންނަށް ޖަވާބު ނުދެއްވުމުން، ދެން ޝަރީއަތް އޮންނަ ދުވަހަކުން އެކަމަށް ތައްކާރުވެ، މައުލޫމާތުތައް އޮޅުންފިލުވައިގެން އައުމަަށް ފުލުހުންނަށް އެންގެވިއެވެ.

"އަޅުގަނޑު މިކުރާ ސްޕެސިފިކް ސުވާލަކީ، ފްރީޒިން އަމުރަށް އެދިވަޑައިގެންބެވިއިރު ތިބޭފުޅުން އެސެޓެއިން ކުރުވައިފައޮތް، ދައުލަަތަށް ލިބެންޖެހޭނެ ކަމަށް ޓާގެޓް ކުރެވޭ، ނުވަތަ އެއަށް އައްޔަން ކުރައްވާފައި އޮތް ފައިސާގެ އަދަދަކީ ކޮބައިތޯ، އާއި ކޮން ގޮތަކަށްތޯ، އެފައިސާ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަމަށް ކިހާ މިންވަރެއްގެ ހެކި ނުވަތަ ގަބޫލުކުރެވޭގޮތެއް އެބައޮތްތޯ، އެކަންކަން ބިނާކޮށްފައިވާ ހެކި ތަކަކީ، ކޮބައިތޯ ސަބަބުތަަކީ ކޮބައިއޮތޯ، އެއީ އޮޅުން ފިލުވަންޖެހޭ،" މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.