ގދ. މަޑަވެލި ފަޅުތެރޭ އޮތް މަސް ދޯންޏެއް ދޯނީގެ 24 ފަޅުވެރިންނާ އެކު ކަރަންޓީނު ކޮށްފި އެވެ.

މިކަން މަޑަވެލި ކައުންސިލްގެ ރައީސް ހަމީޒް އަހުމަދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ހަމީޒް ވިދާޅުވީ މަޑަވެލި ސީ ވޯލްޑް ދޯނީގައި އެ ދޯނީގެ 24 ފަޅުވެރިން ކަރަންޓީނު ކޮށްފައި ވަނީ މި މަހު އެކެއްގައި ހުޅުމާލެއަށް މަސް ކިރުމަށް ދިއުމަށްފަހު އަނބުރާ ރަށަށް އައުމުން، އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ފެންނާތީ ކަމަށެވެ.

ހަމީޒް ވިދާޅުވީ މިމަހު އެއްވަނަ ދުވަހު މި ދޯނި ހުޅުމާލެއަށް މަސް ކިރަން ދިއުމަށްފަހު އަނބުރާ ރަށަށް އައުމުން ދޯނީގެ ވެރިފަރާތާއި ކައުންސިލުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ދޯނީގެ ވެރިފަރާތުން ވަނީ މި ދޯނީގެ އެއްވެސް ފަޅުވެރިޔަކު މާލެއަށް ނުވަތަ ހުޅުމާލެއަށް ނުފައިބާ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް ބުނެފައިކަމަށް ހަމީޒް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މާލެ ނުވަތަ ހުޅުމާލެއިން މީހަކު މި ދޯންޏަށް ނާރާ ކަމުގެ ޔަގީންކަންވެސް ދެވެން ނެތް ކަމަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ހަމީޒް ވިދާޅުވިއެވެ. ހަމީޒް ވިދާޅުވީ ދޯނީގެ ފަޅުވެރިން ކަރަންޓީނު ކުރުމަށް ނިންމީ އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ފެންނާތީ ކަމަށެވެ. އަދި އެމީހުން ކަރަންޓީނު ކޮށްފައިވަނީ މާލެއިން ފުރި ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ކަމަށް ހަމީޒް ފާހަގަ ކުރިއެވެ.

މަޑަވެލިން މިހާތަނަށް ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް އެރަށާއި ކޯޒްވޭ އަކުން ގުޅާލާފައިވާ ހޯނޑެއްދޫއިން ކޮވިޑްގެ ގިނަ ކޭސް ތަކެއް ފެނިފައިވާތީ، މަޑަވެލިން 61 މީހެއްގެ ސާމްޕަލް މީގެ ކުރިން ނަގާފައި ވެއެވެ. އަދި އެ އެންމެންގެ ނަތީޖާވެސް ވަނީ ނެގެޓިވް ވެފައެވެ.