ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގެ ތެރޭގައި ގދ. މަޑަވެއްޔަށް ނިސްބަތްވާ ގިނަ ބަޔަކު ހިމެނޭ ގޮތުން 145 މީހެއްގެ ނަން ތިނަދޫގެ އާބާދީ ލިސްޓަށް ގާނޫނާ ހިލާފަށް އިތުރުކޮށްފައިވާ ކަމަށް މަޑަވެލި ކައުންސިލުން ބުނެފިއެވެ.

މަޑަވެލި ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިނަދޫ ސިޓީގެ ދަފްތަރުގައި މަޑަވެއްޔަށް ނިސްބަތްވާ މީހުންގެ ނަންތައް ހިމަނާފައިވާ އިރު، އެ މީހުންގެ ތެރޭގައި އެ ރަށުގައި ރަށްވެހިވެ ދިރިއުޅެމުންދާ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. ރައްޔިތުންނަށް އެނގުމެއް ނެތި މިފަދަ ކަމެއް ހިނގާފައިވާތީ އެ ކައުންސިލުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމަކީ ކައުންސިލްގެ ފުރިހަމަ ޒިންމާއެއް ކަމަށާއި، އެ ރަޖިސްޓްރީއަކީ ބޭނުންހާ އިރަކު ބޭނުންހާ ބަދަލެއް ގެނެވޭނެ ރަޖިސްޓްރީއެއް ނޫން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސިޓީއެއްގެ ދަރަޖަ ދެނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި 10،000 މީހުން ރަށްވެހިވެ ރަޖިސްޓްރީ ވެފައިވާ ރަށްތަކަށް ކަމަށާއި، ރަށު ރަށްވެހިންގެ ރަޖިސްޓްރީއަށް ބަލައިގެން އެފަދަ ނިންމުމެއް ނިންމޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކައުންސިލުން ބުންޏެވެ.

މަޑަވެލި ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންގެ ނަންތައް ތިނަދޫ ސިޓީ ކައުންސިލްގެ ދަފްތަރުން އުނިކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާތީ މި މައްސަލައާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކޮށް، އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ. ސައުދުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.