ގދ. މަޑަވެލީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތް ކުރަން 175 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 400 ދުވަސް ތެރޭ ނިންމުމަށެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑް އަހްމަދު ސައުދީ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 19.17 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އޭގެ އިތުރުން 1،645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫގެ ސަބަބުން 2،000އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަވެލީގައި މިހާރު ދިމާވެފައިވާ އުދައެރުމާއި، ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ.

މަޑަވެއްޔަކީ ޒާމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ. މި މަޝްރޫއު ނިމުމާ އެކު، ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީން ބުންޏެވެ. އޭގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމާ އެކު، އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.