އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް، އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވައިފި އެވެ.
ރައީސް ނަޝީދު ހަސަން ލަތީފަށް އިއްޔެ ފޮނުއްވި ސިޓީގެ ކޮޕީއެއް "ވަން" އަށް ވަނީ ލިބިފަ އެވެ. އެ ސިޓީ މިހާރު ގައުމީ މަޖިލީހުގެ މެންބަރުންނާ ވެސް ހިއްސާ ކުރައްވާފައިވާކަން ވަނީ އެނގިފަ އެވެ.
އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވުމަށް ދަންނަވާ ސަބަބަކީ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ. އެމްޑީޕީގެ އެއްވެސް މެންބަރަކާއި އެހެން އެއްވެސް ފަރާތަކާ ވެސް އެއްވެސް އިރެއްގައި ޒާތީ ކަމެއް ނޯންނާނެ ކަމަށާއި އެއްވެސް މިނިސްޓަރަކާ ވެސް ޒާތީ މައްސަލައެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާއި ހަވާލުވެފައިވަނީ ސިޔާސީ މަސައްކަތެކެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރަކުން ދެކޭނަމަ، މިނިސްޓަރު ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރު އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ނުކުމެ ހުންނެވީ ވޯޓުގެ އަދަދެއް ހޯއްދެވުމަށް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް ކަމަށެވެ. އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް އެ ނުކުތާއަށް ވިސްނާލެއްވުމަށް ސިޓީގައި އެދިވަޑައިގެންފައި ވެއެވެ.
ފައްޔާޒު އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގެން ރައީސް ނަޝީދުގެ ސިޓީފުޅެއް ޕާޓީގެ ޗެއާޕާސަނަށް ފޮނުއްވި އިރު، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތްތައް މިދިޔަ މަހުގެ ކުރީކޮޅު ވަނީ ފަށައިފަ އެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި، އިއްޔެ ޗުއްޓީއަށް ދިޔައިރު ވެސް މައްސަލަ ހުށަހަޅައިފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު މީގެ ދެ ދުވަސް ކުރިން ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް 30 ސޮއި ހަމަކުރެވިއްޖެ ކަމަށާއި އެދެނީ 35 ސޮއި ހަމަކުރުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމްޑީޕީ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމަށް ކަމަށެވެ. އަދި ޕާޓީއަށްޓަކައި ފައްޔާޒު ވެސް ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު މަގާމުން ވަކިކުރަން އުޅޭ ސަބަބެއް ނޭނގުނު ނަމަވެސް އެ މައްސަލަ ވެއްދުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓެވުމާއެކު އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފަ އެވެ. އެގޮތުން ފައްޔާޒުގެ ދިފާއުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ނުކުންނަވާފައިވާ އިރު ރައީސް ސޯލިހު ވެސް ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު