ފުލުހުންގެ މަސައްކަތުން މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ލޭއޮހުރުވުމާއި ތަޅާފޮޅުންތައް ހުއްޓުވާލެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރި ފުލުހުންގެ އާ އިމާރާތް ހުޅުވުމަށް އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އަމަންއަމާންކަމާއި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކޮށްދީފައި މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެ މިދިޔަ 17 ވަރަކަށް މަސް ދުވަހު އާންމު ގޮތެއްގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ވެ، ލޭ އޮހޮރުވުމާއި ތަޅާފޮޅުން ފަދަ ގިނަ ކަންކަން ހުއްޓުވާލެވިފައިވޭ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ހުޅުމާލޭގެ މުޅި ވެއްޓަށް އަންނަ ބަދަލުތަކަކީ އެކަމަށް ސަމާލު ވެ، ރައްކާތެރިވެގެން ތިބެގެން މެނުވީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވޭނެ ކަންތައްތަކެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް ހުޅުމާލޭގެ ފުލުހުން އަޅަން ޖެހޭނެ ކަމަށެވެ.