Close
ރިޕޯޓް

ޑޮކްޓަރުންނާއި ނަރުހުން ބަންދު ބޮޑު ޕީޕީއީގައި ނޭވާހާސްކަންމަތީ 6 މަސް! ހަމްދަރުދީވެލައްވާ!

އަލީ ޔާމިން

1

ކޮވިޑްގެ ބިޔަ ރާޅު ރާއްޖެއަށް ބިންދާލީ ކުއްލިއަކަށެވެ. މާލެއިން ޕޮޒިޓިވް ކޭހެއް ފެނުނު ފަހުން ކޮންމެ ދުވަހަކު އެތައް ބަޔަކު ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. ރާއްޖެއިން ކޮވިޑާއި ހަނގުރާމަކުރާތާ ހައެއްކަ މަސްވެފައިވާއިރު އަލިމަގެއް އަދިވެސް ނުފެނެއެވެ. ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދުވަހު ނަންބަރުތައް ދަނީ މަތިވަމުންނެވެ. ކޮވިޑުގެ ސަބަބުން އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދާއި، އެބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ގިނަ ބަޔަކަށް ކޮވިޑް ޖެހިއްޖެނަމަ ސިއްހީ ނިޒާމު ފެއިލްވެދާނެ ކަމުގެ އިންޒާރު އެންމެ ފުރަތަމަ ދުވަހުވެސް ސިއްހީ ތަޖުރިބާކާރުން ދިނެވެ. އެކަށީގެންވާ ސިއްހީ ހިދުމަތްތެރިން ނެތްކަމަށް ބުންޏެވެ. ނަމަވެސް އެއިރު، އެކަމަށް ގިނަ ބަޔަކު ދިނީ ބީރު ކަންފަތެކެވެ. އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް ބުނެ ސަރުކާރަށާއި ހެލްތު މިނިސްޓްރީއަށް ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް، އެއިރުވެސް އެތައް ބަޔަކު ދިޔައީ އަޅުގަނޑުމެންގެ ހައްގުގައި އަމިއްލަ ފުރާނަ ނުރައްކަލެއްގެ ތެރެޔަށް ލައިގެން މަސައްކަތް ކުރަމުންނެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ "ހީރޯ"އިންނެވެ. އާދެ، ޑޮކްޓަރާއި ނަރުހުންނެވެ. ސިއްހީ ހިދުމަތްތެރީންނެވެ. ރެޔާ ދުވާލު އެވެރިން އެމަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ހައްގުގައެވެ. ނުރައްކަލުން ސަލާމަތުގެ އައްސޭރިއަކަށް ގައުމު ގެންގޮސްދިނުމަށެވެ. މިގައުމަކީ ދުޅަހެޔޮ ގައުމަކަށް ހެދުމަށެވެ.

މި ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، މިހާރު އޮތް އެންމެ ބޮޑު ބިރަކީ، އިންސާނީ ވަސީލަތް މަދުވުމެވެ. ފެސިލިޓީތައް ބުރިބުރިއަށްވެސް ނެގިދާނެއެވެ. ނަމަވެސް އިންސާނީ ވަސީލަތް ހޯދުމަކީ، ފައިސާއަކުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ފަންނީ މީހުންނެވެ. ކޮވިޑުގެ ކޮންމެ 30 ބަލިމީހަކަށް މިހާރު ހުރީ އެންމެ ނަރުހެކެވެ. އަދި ޑޮކްޓަރުންގެ އަދަދުވެސް އެހާމެ މަދެކެވެ. ބައެއް ޑޮކްޓަރުންނާއި ނަރުހުންވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. އެހެންކަމުން، ސިއްހީ ހިދުމަތްތެރިންގެ "ޝޯޓޭޖެއް" އައިސް ބައެއް ބަލި މީހުންނަށް ފަރުވާ ނުދީ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފައެވެ.

ސިއްހީ ހިދުމަތްތެރިންގެ ޒިންމާއަކީ ހަމައެކަނި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާކުރުމެއް ނޫނެވެ. ކޮވިޑުގެ އިތުރުން އެހެނިހެން ބަލި މީހުންނަށްވެސް އެމީހުންގެ އޯގާތެރިކަން ބޭނުންވެއެވެ. ރާއްޖޭގައި މިވަގުތު ތިބީ ހާހެއްހާ ޑޮކްޓަރުންނާއި 3،000 އެއްހާ ނަރުހުންނެވެ. އޭގެ ތެރެއިން 55 އިންސައްތަ ކޮވިޑަށް ހާއްސަކުރި ނަމަވެސް ޖުމުލަ ގޮތެއްގައި ކޮންމެ ސިއްހީ ހިދުމަތްތެރިއަކީވެސް ކޮވިޑުގެ ހަނގުރާމައިގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވާ މީހުންނެވެ.

ކޮވިޑުގެ ތޫފާނާއެކު، އެންމެ ބުރަކޮށް މަސައްކަތްކުރި އެއްބަޔަކީވެސް ސިއްހީ ހިދުމަތްތެރީންނެވެ. ސާމަޕަލް ނެގުމާއި، ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި ފަރުވާ ދިނުމާއި މިނޫންވެސް އެތައް ކަމެއްގައި ސިއްހީ ހިދުމަތްތެރިން އަންނަނީ ކަށީން ހިތްވަރު ނެރެ މަސައްކަތް ކުރަމުންނެވެ. ބަރުބޮޑު ޕީޕީއީ އަޅައިގެން އެތައް ވަގުތެއް ސިއްހީ ހިދުމަތްތެރިން ހޭދަކުރެއެވެ. ފަސޭހަވެގެންނެއް ނޫނެވެ. ވަރުބަލި ނުވާތީއެއްވެސް ނޫނެވެ. ނަމަވެސް ގައުމު އިސްކުރެވޭތީއެވެ. ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާން ނޭދޭތީއެވެ.

"އެއްދުވަހުން އަނެއް ދުވަހަށް ކޭސްތައް އިތުރުވަމުންދާއިރު، ގިނަ ބަޔަކު ފެސިލިޓީތަކުގައި އެޑްމިޓް ވަމުން މިދަނީ. މިހެން އެޑްމިޓުވަމުން ދާއިރުގ، އެތަންތަނުގައި ހިދުމަތް ދޭން ތިބި މީހުންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވެގެން އެބަދޭ. ގިނަ ބަލި މީހުންތަކެއް ބަލަން ޖެހުމުގެ ސަބަބުން ބުރަކަމާއި ވަރުބަލިކަންވެސް ބޮޑުވަމުން ދަނީ،" އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ މުރާދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ، ޕީޕީއީގައި ގިނައިރު ޑިއުޓީ ހޭދަކުން ޖެހުމުން ސިއްހީ ހިދުމަތްތެރިން ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށާއި، ދަތި އުނދަގޫ ގޮތުގައި ޑިޔުޓީ ހޭދަކުރަން ޖެހޭ ކަމަށެވެ. އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހޭ ކޭސްތައް ގިނަވުމަކީ ސިއްހީ އެހީތެރިން އިތުރަށް ވަރުބަލިވާނެ ކަމެއްކަންވެސް ފާހަގަކުރައްވާފައި ވެއެވެ.

ޑރ. މުރާދުގެ އިތުރުން ޑރ. ނަޒްލާ މުސްތަފާވެސް ވަނީ ސިއްހީ ހިދުމަތްތެރިން މިހާރު ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް ނަރުހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށް ވިދާޅުވިއެވެ.

ބަންދު ބޮޑު ޕީޕީއީ ލައިގެން އެތައް މަހެއް ވާންދެން އުޅެން ޖެހިފައިވާ އިރު، މިކަންވެސް ވަނީ ސިއްހީ އެހީތެރީންނަށް ބައްޔަކަށް ވާން ކައިރި ވެފަ އެވެ. އެއީ ފަސޭހަ ހެދުމެއް ނޫނެވެ. އަބަދު މާސްކު، ޕީޕީއީ މަތިމައްޗަށް އެއްޗެހިތައް ލައިގެން އެ ބަންދުކަންމަތީ ތިބޭން ޖެހުމުން ސިއްހީ މައްސަލަތައްވެސް ބައެއް ހިދުމަތްތެރީންނަށް ވަނީ ކުރިމަތިވެފަ އެވެ. އަބަދު އެހެން އުޅުމުގެ ސަބަބުން މޫނުގެ ހަންގަނޑު ކެނޑި ޕީޕީގެ ނިޝާން ވަނީ މޫނުމައްޗަށް ކެނޑިގެން ނެގިފަ އެވެ. މިއީ ހާލަތު ހުރި ގޮތެވެ.

ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ކޮވިޑަށް ފަރުވާ ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަން އެހާމެ ބޮޑެވެ. އެހެންކަމުން މިހާރު އޮތް ހަމައެކަނި ގޮތަކީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށް، ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ވީވަރަކުން މަސައްކަތް ކުރުމެވެ. ފިޔަވަޅުތަކަށް ބޯލެނބުމެވެ. ފަރުދީ ޒިންމާ އަދާކުރުމެވެ. ވަރުބަލިވެފައިވާ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ހުދު ތިމާއާއި ތިމާގެ އާއިލާގެ ރައްކަލަކަށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟