ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ސިފައިންނާއި ފުލުހުންނާ ބައްދަލުކުރަން މިއަދު ބާއްވާ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު 10:00 ޖެހިއިރު ބާއްވަން އޮތް ކޮމިޓީގެ ބައްދަލުވުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބޭފުޅުން ވެސް ހާޒިރުކުރަން ވަނީ ހަމަޖެހިފަ އެވެ.

ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ނިންމީ ކޮމިޓީގައި ހިއްސާ ކުރާ މައުލޫމާތު، "ދާންވާ ދިމާ ނޫން އެހެން ހިސާބަކަށް ގޮސްދާނެތީ" ކޮމިޓީ ސިއްރުކޮށްދޭން ސަލާމަތީ ބާރުތަކުން އެދުމުންނެވެ.

ސަލާމަތީ ބާރުތަކުން އެގޮތަށް އެދުމުން ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ވިދާޅުވީ، މައްސަލައިގެ ހައްސާސް ކަމުގެ ސަބަބުން ސަލާމަތީ ބާރުތަކުން އެދުނު އެދުމަކީ ރަނގަޅު ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު 9:40 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާ އިރު، ކެފޭއާ އިންވެގެން ހުރި، ގަދަގޭ މުހައްމަދުފުޅު ބިލްޑިންގްގެ އެކި ބުރިތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފަ އެވެ.

އެ ހާދިސާގެ ކަންކަން ގައުމީ ސަލާމަތީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ އިރު އެ އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވުން އެކަށީގެންވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވަނީ ވިދާޅުވެފަ އެވެ.