ފްރަންޓްލައިނުން އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެއާޕޯޓުގެ މުވައްޒަފުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުން ގިނަ ކަމަށެވެ.
ފްރަންޓްލައިންގެ ގޮތުގައި ބަލަނީ، އެއާޕޯޓު، ކޯޓު އަދި ކަރެކްޝަނަލް ފެސިލިޓީ، ފިއުނެރަލް ސާވިސް، ގޭސް، ހެލްތު ކެއާ ފެސިލިޓީ، އެމްއެންޑީއެފް، އެމްޓީސީސީ، އެޗްއީއޯސީ، ފޯނު އަދި ކޭބަލްގެ މަސައްކަތްތައް ކުރާ ކުންފުނިތައް، ޕޮލިސް، ސީޕޯޓް، ސްޓެލްކޯ، ވެމްކޯ އަދި ވޯޓާ ސަޕްލައިސްގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މީގެ އިތުރުން ބައެއް ޖަމިއްޔާތަކުގައި ހަރަކާތްތެރިވާ މީހުންވެސް ފްރަންޓްލައިންގެ ގޮތުގައި ހިމަނެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ފްރަންޓްލައިނުން އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ އެއާޕޯޓުގެ މުވައްޒަފުންނަށް ކަމަށެވެ. ފްރަންޓްލައިނުން ދެން އެންމެ ގިނައިން ޕޮޒިޓިވްވީ، ހެލްތު ކެއާ ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފުން ޕޮޒިޓިވްވި މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ފްރަންޓްލައިނުން ޕޮޒިޓިވްވެފައިވަނީ ކިތައް މުވައްޒަފުން ކަމެއް ވިދާޅެއް ނުވެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19