ފުޓްބޯޅަ

ގައުމީ ޓީމާއި ޓީސީ އަދި މާޒިޔާގެ ފަރިތަކުރުންތަކަށް ހުއްދަ ދީފި

އަލީ ޔާމިން

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ޓީސީ ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފިއެވެ.

ކޮވިޑާ ގުޅިގެން އޭއެފްސީ ކަޕު މެދުކަނޑާލުމަށްފަހު އަންނަ މަހު އެ މުބާރާތް އަލުން ފަށުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ކުޅިވަރު ހަރަކާތްތައް ހިންގުން މަނާކޮށްފައި އޮތުމުން ރާއްޖޭގެ ފުޓުބޯޅަ ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. އެހެންކަމުން ހަތަރު މަހެއްހާ ދުވަހު ގިނަ ކުޅުންތެރިންނަށް ފިޓްނަސްގެ ހަރަކާތެއްގައި ބައިވެރިވެފައިނުވުމުން އޭއެފްސީ ކަޕުގެ މެޗުތަކަށް ތައްޔާރުވުމަށް އެ ކުޅުންތެރިންނަށް ވަނީ އެކަށީގެންވާ ވަގުތު ވެސް ބޭނުންވެފައެވެ.

އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަކުރާ އެއް ޓީމު ކަމަށްވާ މާޒިޔާ އިން ވަނީ އެ ކްލަބުގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޓެގުކޮށް، ފަރިތަކުރުންތައް ފެށޭނެ މަގެއް ހޯދައިދިނުމަށް އެދިފައެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ ޓީސީއާއި މާޒިޔާގެ އިތުރުން ގައުމީ ޓީމަށް ދީފައިވާ ކަމަށާއި މާޒިޔާއިން އިއްޔެ އެމީހުންގެ ފަރިތަކުރުންތައް ފަށާފައިވާ ކަމަށެވެ.

"އިއްޔެގައި ހުއްދަ ލިބިއްޖެ. އަޅުގަނޑަށް އެނގިގެން ހަމަ ޔަގީނުންވެސް މާޒިޔާގެ ޕްރެކްޓިސްތައް ކުރިއަށްދިޔަ ގަލޮޅު ދަނޑުގައި. މިހާރު އެޗްޕީއޭއިން ހުއްދަ މިދިނީ މާޒިޔާއާއި ޓީސީއާއި ގައުމީ ޓީމުގެ ވޯލްޑްކަޕް ކޮލިފައިންގެ މެޗުތައް ހުރީމަ. ދެން އޭއެފްސީ ކަޕްގެ މުބާރާތުގައި ވާދަކުރާ ދެޓީމަކީ މާޒިޔާއާއި ޓީސީ ކަމަށްވީމަ، ވަގުތު ނެތީމަ ހާއްސަ ހުއްދައެއްގެ ދަށުން އެޓީމުތަކަށް އެބައޮތް ހުއްދަ ދީފަ،" މަހުލޫފު ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އިތުރުން މާޒިޔާއާއި ޓީސީއަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފައިވާ އިރު، އެހެން ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

އަލުން އޭއެފްސީ ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ވަކިވަކި ގްރޫޕުތަކުގެ މެޗުތައް އެއް ގައުމެއްގައި ކުޅޭ ގޮތަށެވެ. އެގޮތުން ރާއްޖޭގެ ކްލަބުތައް ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ނިންމާފައިވަނީ ރާއްޖޭގައެވެ. އެ ގްރޫޕުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީ އާއި ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސްއެވެ.

މެދުކެނޑުމަށްފަހު އެ ގްރޫޕުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ބަޝުންދަރަ ބައްދަލުކުރާ އިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ޗެންނާއީއެވެ.