އަތޮޅު ތެރެއިން ކުޑަ ފަސް ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދިން ގޮތުގައި ޕޮޒިޓިވް ވެފައިވާ ތިން ކުދިންނަކީ، ރ. ދުވާފަރުން ތިން އަހަރުގެ ފިރިހެން ކުއްޖަކާއި، ލ. ގަމުން އަށް އަހަރުގެ ފިރިހެން ކުއްޖަކާއި، ތ. އޮމަދޫ އިން 11 އަހަރާއި ދެ އަހަރުގެ ފިރިހެން ކުއްޖެއް އަދި ހަމަ އޮމަދޫން ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.

މީގެ އިތުރުން އަތޮޅުތެރެއިން އިއްޔެ ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. އެއީ ދުވާފަރުން 55 އަހަރުގެ އަންހެނެއް، ކިނޮޅަހުން 53 އަހަރުގެ ފިލިޕިންސް މީހެއް، ކ. ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުން ދޫކޮށްލުމަށް ސާމްޕަލް ނެގި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް، އަދި ސ. ހިތަދޫއިން 24 އަހަރުގެ ފިރިހެނެކެވެ.

މީގެ ކުރިންވެސް ދުވާފަރު، ކިނޮޅަސް، ހިންމަފުށި. އޮމަދޫ އަދި ހިތަދޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައި ވެއެވެ.

މިހާތަނަށް ރާއްޖެއިން 6779 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މީގެ ތެރެއިން ރަނގަޅު ވެފައިވަނީ 4222 މީހެކެވެ. އަދި މި ބައްޔަށް 2531 މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މި ބަލީގައި ރާއްޖެއިން 26 މީހަކު މަރުވެފައި ވެއެވެ.