ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެ އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުން އަންގަވަމުން މަޖިލިސް ރައީސް ވިދާޅުވީ ވެންޓިލޭޓަރުތަކާ ބެހޭގޮތުން އޭޕްރީލް 28 ގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދެއްވި މައުލޫމާތުގައި ރާއްޖެއަށް އިތުރަށް ބޭނުންވާ 75 ވެންޓިލޭޓަރު ހޯދުމަށް ރާއްޖޭގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފިސަރާއި ޔޫއޭއީގެ ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފިސަރު މެދުވެރިކޮށް ވެންޓިލޭޓަރުގެ އަގު ބެލުމަށްފަހު ޑުބާއި ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލްސޯސް ޕްރޮކިއުމެންޓެއްގެ ތެރެއިން 20 އޭޕްރީލް ގައި ހަވާލުކޮށްފައިވާކަމަށް ވިދާޅުވި ކަމަށެވެ.

މަޖިލީހުގައި ހެލްތު މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު އެ މައްސަލައިގައި އޮޑިޓާ ޖެނެރަލްގެ ރިޕޯޓާއި މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ދެއްވި ބަޔާނާ އެކުވުމުން މަޖިލީހުގައި އޮތް ނިޒާމަށް އަރައިގަނެފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އެކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ބަލައި ނިންމަން ޖެހޭކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު މާލިއްޔަތު ކޮމިޓީގައި ވެންޓިލޭޓަރުގެ މައްސަލައާބެހޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ދެއްކެވި ވާހަކަ މަޖިލީހުގައި ތަކުރާރު ކޮށްދެއްވުމަށް އަމީންއާއްމުގެ ކިބައިން މަޖިލިސް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި އޮޑިޓާ ޖެނެރަލްގެ އެވާހަކަތައް މަޖިލީހަށް އިއްވެވުމުން އެ މައްސަލަ ބެލުމަށް މަޖިލިސް ރައީސް އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވެވިއެވެ.

އިއްޔެ ކޮމިޓީގައި ވާހަކަ ދައްކަަވަމުން އޮޑިޓާ ޖެނެރަލް ވިދާޅުވީ 75 ވެންޓިލޭޓަރު ހޯދަށް ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީސް މެދުވެރިކޮށް އަގު ބެލި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިނަމަވެސް ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއުއެޗްއޯއިން އެއްވެސް އިރެއްގައި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ ގަބޫލުކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ފަރާތްތަކުގެ ލިސްޓެއް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.