މިހާރު ނިކުމެގެން އުޅޭ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި އެންމެ ރަނގަޅު ގޮތަކީ ހެލްތު މިނިސްޓަރުކަމުން އަބްދުﷲ އަމީން އިސްތިއުފާ ދެއްވުން ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ ޕާޓްނަރު، އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ހެލްތު މިނިސްޓަރު މިނިސްޓަރު އަބްދުﷲ އަމީން ތަމްސީލު ކުރައްވަނީ ޖުމުހޫރީ ޕާޓީއަށް ލިބިފައިވާ ސްލޮޓެކެވެ.

"ވަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، މިފަދަ ސީރިއަސް ތުހުމަތެއް ކުރެވުމުން އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާދެއްވުން ކަމަށާއި ގާނޫނު އަސާސީގައި ވެސް ބުނަނީ އިސްތިއުފާގެ ވާހަކަ ކަމަށެވެ.

ގާސިމް ވިދާޅުވީ ދައުލަތުގެ އޮޑިޓަރު ޖެނެރަލް ތައްޔާރުކުރައްވައި ނެރުއްވާފައިވާ އޮޑިޓް ރިޕޯޓުގައި ފެންނާން އެހުރީ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށާއި އެ ކަމަށް އަމީން ފުރިހަމަޔަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެކަމާ ގުޅިގެން އެ މައްސަލަ ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާއަކުން ވެސް ބަލަމުން އަންނަ މި ހާލަތުގައި، އެކަމުގެ ދޮގުތެދު ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ޒިންމާއެއް ވެސް ނޫން ކަމަށާއި އެއީ އަމީން މިއަދު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މިހާރު އޮޑިޓަރު ޖެނެރަލް އެ އޮތީ ވަރަށް ސީރިއަސް ކަންތައްތަކެއްގެ ތުހުމަތު ކުރައްވާފަ. އެއީ ދޮގުކަން ސާބިތުކޮށްދިނުމަކީ އެހެން ބަޔަކު ކުރާން ޖެހޭ ކަމެއް ނޫން، އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ސީދާ އަމީން، އެހެން ނޫން ނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ ހުންނެވި މަގާމުން އިސްތިއުފާދެއްވުން." ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި، ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެކަމާ ގުޅިގެން އަމީނަށްވެސް ގުޅުއްވި ކަމަށެވެ. އެހެން ނަމަވެސް ދެއްކެވި ވާހަކައިގެ ތަފްސީލެއް ގާސިމް ނުދެއްވަ އެވެ.

އޮޑިޓް އޮފީހުން އާންމު ކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހޭ އިރު، އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

މި އޮޑިޓު ރިޕޯޓުގައި، އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ފަންނީ އަދި މާލީ ގާބިލުކަން ވަޒަން ނުކޮށް، އެ ފަރާތަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަރާތަކީ ޑަބްލިއުއެޗްއޯގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީކަން ދޭހަވާގޮތަށް، ހެލްތު މިނިސްޓްރީން ލިޔެކިއުންތަކުގަ އާއި އެ މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވާފައި ހުރި ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް، މިނިސްޓްރީގެ ބިޑް ކޮމިޓީއަށް އޭޕްރީލް އެކެއްގައި ފޮނުވި މެމޯގައި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ހޮވާފައިވަނީ ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްގެ މަޝްވަރާގެ މަތިން ކަމަށާއި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރު ސަޕްލައި ކުރާ ކުންފުންޏެއްގެ ގޮތުގައި، އެ ކުންފުނިން ސަޕްލައި ކުރާ ބްރޭންޑްތަކުގެ ވެންޓިލޭޓަރުތަކުގެ ލިސްޓެއް އެ އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ ކަމަށާއި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހޯދާފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި އިތުރަށް ވަނީ އެގްޒެކިއުޓާސްއާއެކު ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 65 ވެންޓިލޭޓަރަކީ އައިސީޔޫ ވެންޓިލޭޓަރު ކަމަށާއި އެ ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް އެގްޒެކިއުޓާސްއާއެކު އެއްބަސްވެފައިވާ އަގު ކަމުގައިވާ ވެންޓިލޭޓަރަކަށް 501،150 ރުފިޔާއަކީ އައިސީޔޫ ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީން ދިވެހި ބައެއް ކުންފުނިތަކާއެކު އެއްބަސްވެފައިވާ އަގުތަކަށްވުރެ ބޮޑު އަގެއް ކަމަށެވެ.

ޕީޕީއީ ހޯދުމަށް ޖުމްލަ 32.9 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީން އެސްޓީއޯއަށް އެޑްވާންސްކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ތަކެތި މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.