ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލަނީ ޕްރައިވެޓް ސެކްޓަރުން ހުށަހަޅާ މުސާރަތަކާ ވީހާވެސް ގާތްކޮށް ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މައުލޫމާތުދެއްވަމުން ކޮމިޝަންގެ މެންބަރުން ވިދާޅުވީ ދައުލަތުގެ މުސާރައިގެ އާ އޮނިގަނޑުގެ މަަަސައްކަތް މިއަހަރު ނިންމައިލެވޭނެ ކަމަށެވެ.

އެ އޮނިގަނޑު އެކުލަވައިލާއިރު އެއްވެސް ޕްރޮފެޝަނެއްގައި މަސައްކަތްކުރާ އެއްވެސް މަގާމެއްގެ މުސާރަ ކުޑަކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް އެއްގޮތް މަސަައްކަތްތަކުގެ މުސާރަ ހަމަހަމަކުރެވި މުވައްޒަފުންނަށް ލިބޭ މުސާރައިގެ ތަފާތު އެލަވަންސުން ކަނޑައަޅާގޮތަށް އެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕޭ ކޮމިޝަނުގެ މެންބަރުން ވިދާޅުވީ މިހާރު އޮތް ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި ސިވިލްސާވިސް އާއި ދައުލަތުގެ އެހެނިހެން އިދާރާތަކާ ދެމެދު މުސާރައިގެ ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ. އެ ފަރަގުތައް ނައްތައިލުމަށް ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނުގައި ހަމަތަކެއް ކަނޑައަޅާފައި އެބަހުރި ކަމަށާއި އެ ކަންތައްތަކަށް ބަލައި އެއްހަމަ އޮނިގަނޑެއް މިހާރު އެކުލަވާލާފައިވާ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ.

ކޮމިޝަންގެ މެންބަރުން ވިދާޅުވީ ދައުލަތުގެ މަގާމުތަކުގައި 100 އާ ގާތްކުރާ އަދަދަކަށް ތަފާތު ޕްރޮފެޝަން ހިމެނޭ ކަމަށެވެ. މުސާރައިގެ އޮނިގަނޑު އެކުލަވާލަނީ މުސާރައިގެ ތަފާތުކަމުގެ ސަބަބުން އެއް ޕްރޮފެޝަންގައި މަސައްކަތްކުރާ ބޭފުޅުން އަނެއް ޕްރޮފެޝަންއަށް ބަދަލު ވާން ނުޖެހޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އެބޭފުޅުން ވިދާޅުވީ ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ ބޭފުޅުން އެ ބޭފުޅުންގެ ޕްރޮފެޝަން ބަދަލު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އާ މުސާރައިގެ އޮނިގަނޑުން އެގޮތަށް ޕްރޮފެޝަން ބަދަލު ކުރަން ނުޖެހޭނެ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.