ގެދޮރު ނިންމަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ އިތުރު ފުރުސަތުތައް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ރޭގެ އެޕިސޯޑުގައި، ގެދޮރު ހެދުމަށް ހުރި ދަތިތަކާ ގުޅޭގޮތުން އާއިލާއެއްގެ ފަރާތުން ހުށަހެޅި ކަންބޮޑުވުންތަކަކާ ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ މައްސަލަތައް ބައްލަވައި، އެކަންކަމަށް ހައްލުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ގެދޮރު ނިންމުމުގެ ކަންކަމުގައި ލޯނު ސްކީމަކަށް ހައުސިން މިނިސްޓްރީން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"ތި ވިދާޅުވިގޮތަށް ނިންމަން ބޭނުންވާ ތަންތަނަށް އިތުރު ފުރުސަތުތައް އެބަ ހުޅުވާލަން، ލޯނު ސްކީމަށް އާ ފުރުސަތުތަކެއް. ކުރިއަށްވުރެ ރަނގަޅުވާނެހެން ހީވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ފެށި ހިޔާވަހި ސްކީމުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް ވަނީ 800 އަށްވުރެ ގިނަ މީހުންނަށް ލޯނު ދޫކޮށްފައެވެ. އޭގެ އިތުރުން މިމަހުގެ ކުރީކޮޅު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ، އާއިލާއަށް އިކުއިޓީ ލިބޭ ހާއްސަ ސްކީމެއް ވަރަށް އަވަހަށް ފެށިގެންދާނެކަން އިއުލާންކުރައްވައިފައެވެ.
"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ރޭގެ އެޕިސޯޑުގައި އެންމެ ބޮޑު ކަންބޮޑުވުންތަކެއްގެ ގޮތުގައި ދެން ފާހަގަކޮށްފައިވަނީ ކުންފުނިތަކުން ވަޒީފާއިން ރިޓަޔާކުރާ މުއްދަތު އިތުރު ނުކޮށްދޭ މައްސަލައާއި އާ ޕޭ ފްރޭމްވޯކަށް ބަދަލުވި އިރު، ބައެއް ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ، ދަށް ރޭންކުތަކުގެ މުވައްޒަފުންނަށްވުރެ ކުޑަވުމެވެ.
ރައީސް ވިދާޅުވީ ވަޒީފާއިން ރިޓަޔާކުރާ މުއްދަތު އިތުރުކުރުމުގެ މައްސަލަ އާއި ޕޭ ފްރޭމްވޯކްގެ މައްސަލަ ވެސް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކުންފުނިތަކުގައި އެހާ ދުވަހު މަސައްކަތްކޮށް، އެހާ އަގުހުރި މަސައްކަތްކޮށްދެއްވާފައި ހުރި ބޭފުޅެއް ވެއްޖެއްޔާ އަގުވަޒަން ވެސް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް