ރާއްޖޭގެ ރަށްރަށާއި، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ކޮމެޓީތަކުގެ ރައީސުންގެ މުސާރަ ބޮޑުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

ޕޭ ކޮމިޝަންގެ އެ ނިންމުމާއެކު އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ މަހަކު 7،000 ރުފިޔާއެވެ. އަދި ނައިބު ރައީސުންނަށް 6،500 ރުފިޔާ ލިބޭއިރު މެމްބަރުންނަށް ލިބެނީ 6،000 ރުފިޔާއެވެ. ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް 6،000 ރުފިޔާ ލިބޭއިރު، ނައިބު ރައީސުންނަށް 5،500 ރުފިޔާ އަދި މެމްބަރުންނަށް 5،000 ރުފިޔާ މަހަކު ލިބެއެވެ.

ނަމަވެސް ފުލްޓައިމްކޮށް މަސައްކަތް ކުރަންޖެހޭ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމެޓީތައް ކަނޑައެޅުމާ ގުޅިގެން ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ މުސާރައަށް މަހަކު 41،500 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާ ދިނުމަށްވަނީ ނިންމައިފައެވެ.

އެއީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ރައީސުންނަށް މުސާރައިގެ ގޮތުގައި މަހަކު 33،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާއެވެ. އަދި ރަށްރަށުގެ ކޮމެޓީތަކުގެ ރައީސުންނަށް 21،000 ރުފިޔާ ކަނޑައެޅީ މުސާރައިގެ ގޮތުގައި 16،500 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާއެވެ.

މީގެ އިތުރުން އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރައަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ މުސާރަ 7،000 ރުފިޔާއަށް ބޮޑު ކުރުމުގެ އިތުރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށްވަނީ ކަނޑައަޅައިފައެވެ.