ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް ހުރިހާ ސިޔާސީ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިނިވަން ދުވަހުގެ އުފާ ފާހަގަކުރާއިރު މިނިވަންކަން ލިބުނު ގޮތާއި މިނިވަންކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައް ހަނދާނުން ފޮހެވިގެން ނުވާނެ ކަމަށެވެ. އެގޮތުން ދިވެހިންނަށް ސިޔާސީ މިނިވަންކަން ލިބުނީ، ސުލްހަވެރިކަމާއި ހިކުމަތްތެރިކަމާއެކު ކުރި މަސައްކަތުން ކަމަށްވާއިރު ދިވެހިންގެ މިނިވަންކަން ދެމިއޮންނާނީ ވެސް ސުލްހައިގެ މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރަސީއެއްގެ ތެރެއިން ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، މުޅި ގައުމަށް. ގައުމުގެ އެންމެ މަތީ މަސްލަހަތަށް ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން. ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަޅުގަނޑު އަބަދުވެސް މަރުހަބާ ކިޔާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު