އުންމީދަކީ މިއަހަރުގެ ފަހުކޮޅަށް ދާއިރު ފަތުރުވެރިކަން ރަނގަޅުވެ އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ މިއަދު ވަނީ ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައި ކަމަށާއި އެބަލީގެ ހިޔަނި ނޭޅޭ އެންމެ އާއިލާއެއް ރާއްޖޭގައި ވެސް ނެތް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކޮށް، ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިފައިވައިރު ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ވެސް ހުއްޓުމަކަށް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގްތިސާދު ކަރުތާފެނަށް ގަންބާލާފައިވާ ކަމަށެވެ.

ކޮވިޑާ ގުޅިގެން ބަންދުކުރިތާ ތިން މަސް ފަހުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިގްތިސާދީ ގޮތުން އަދި އޮތީ ދަތި އުދަނގޫ ދުވަސްތަކެއް ކަމަށެވެ. އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، އަޅުގަނޑުމެންގެ މި އުންމީދު ހާސިލެއް ނުވާނެ. އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކޮށް، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ އިގްތިސާދަށް ކުރިމަތިވާ ހީނަރުކަން ކަމަށެވެ. ގައުމުގެ އިގްތިސާދުގައި ދިރުމެއް ނެތީވިއްޔާ، އެގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި މިވީ 10 ވަރަކަށް ދުވަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 904 ފަތުރުވެރިންނެވެ.

ޖުލައި މަހު ބޯޑަރުތައް ހުޅުވައިލަން ސަރުކާރުން ހަދާފައިވާ "ސިނާރިއޯ ތިނެއް"ގެ ހާލަތުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން މަހު ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓަށް ދަށް ވާނެއެވެ. އަދި ބާރު މިނުގައި ޓޫރިޒަމް ހިނގައިގަންނަނީ ސެޕްޓެމްބަރުން ފެށިގެންނެވެ. އެގޮތުން މިއަހަރުގެ ބާކީ މިއޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެއަށް ހައެއްކަ ލައްކަ ފަތުރުވެރިން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.