އައްޑޫ ސިޓީގެ ހިތަދޫ، ޏ. ފުވައްމުލަކު ސިޓީ އަދި ހއ. އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ، ހިތަދޫގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީގައި 10 އައިސީޔޫ އެނދާއި 30 އައިސޮލޭޝަން އެނދު ހުންނާނެ ކަމަށާއި އަދި ފުވައްމުލަކާއި އިހަވަންދޫ ފެސިލިޓީގައި ތިން އެނދު ހުންނާނެ ކަމަށެވެ.
މި ތިން ފެސިލިޓީ ހުޅުވުމަށް ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ކޮވިޑް ފެސިލިޓީތައް އެންމެ ފުރިހަމައަށް ނިމިގެން ގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަސައްކަތްޕުޅުން ކަމަށެވެ. އަދި ކޮވިޑްގެ ސަބަބުން ވެއްޓިފައި އޮތް އިގްތިސޯދު ކޮޅަށް ޖެހުމުގެ ޒިންމާ ކޮންމެ ދިވެއްސެއްގެ ބޮލުގައި އެޅިފައިވާ ކަމަށާއި ވަކިވަކި ފަރުދުން އެ ޒިންމާ އަދާނުކޮށް އިގްތިސާދު ކޮޅަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ކުރިން ފެނިގެން ދިޔައީ ބިދޭސީންގެ ތެރޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދިޔަ މަންޒަރު ކަމަށާއި ނަމަވެސް މިއަދު އެ މަންޒަރު ފެންނަނީ ދިވެހިންގެ ތެރޭގައި ކަމަށެވެ.
މި ރަސްމިއްޔާތުގައި މައިމޫނާ ވިދާޅުވީ މީގެ ހަ މަސް ކުރިން ވުޖޫދުގައި ވެސް ނެތް ބައްޔެއް ފެނި، ބައި އަހަރެއްހާ ދުވަސް ތެރޭގައި މުޅި ދުނިޔަށް ފެތުރިފައިވާއިރު މިއީ މިފަހަކަށް އައިސް ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ވަބާ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުގައި އެބައްޔަކުން ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ބައްޔަކީ ކޮވިޑް ބަލި ކަމަށާއި އެ ބަލީގައި މަރުވާ މީހުންގެ ރޭޓަށްބަލާނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިދަރަޖަ އެއްވަނަ އަށް އެރުމަކީ ގާތުގައި އޮތް ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި އިހަވަންދޫގައި ގާއިމްކުރި ކޮވިޑް ފެސިލިޓީ މިރޭ ހުޅުވާފައިވާއިރު ލ. ގަމާއި ގއ. ވިލިނގިލި، ބ. އޭދަފުށި އަދި ށ. ފޮނަދޫގައި ގާއިމްކުރި ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ މިމަހުގެ ތެރޭގައި ވަނީ ހުޅުވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު