ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފު ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީން މިއަދު ހައި ކޯޓުގައި އެދިއްޖެ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ޝަރީއަތުގެ މަޖިލިސް ފައްޓަވަމުން ފަނޑިޔާރު ވިދާޅުވީ، މިއަދުގެ ޝަރީއަތުގެ މަޖިލީހަކީ މައްސަލަތަކާ ބެހޭގޮތުން ބާއްވާ ޝަރީއަތުގެ މަޖިލީހެއް ނޫން ކަމަށާއި، މިއީ ޕްރޮސެކިއުޓާ ޖެނެރަން (ޕީޖީ) ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަަލަ ރައްދުވާ ފަރާތް (އަދީބު) ބަންދު ކުރުމުގެ އަމުރަކަށް އެދި ޕީޖީން ހުށަހަޅާފައިވާތީ އެކަމާ ބެހޭގޮތުން ބާއްވާ އަޑުއެހުމެއް ކަމަށެވެ.
ފަނޑިޔާރު އެހެން ވިދާޅުވުމުން، ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އަދީބު އެދިވަޑައިގެންނެވި އެވެ.
ފަނޑިޔާރު ހުއްދަ ދެއްވުމުން އަދީބު ވިދާޅުވީ، ޝަރީއަތުގެ މަޖިލީހާބެހޭ މައުލޫމާތު ލިބުނީ އިއްޔެ މެންދުރުފަހު ކަމަށާއި، ވަކީލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތީ، ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި މައްސަލަކީ ބޮޑު މައްސަލައެއް ކަމަށާއި ފާހަގަ ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އެކަމަށް ފުރުރަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެެ.
އަދީބުގެ ވާހަކައާ ގުޅިގެން، އަދީބު ބަންދު ކުރަން ހުށަހެޅުއްވި މައްސަލައާ ބެހޭގޮތުން، ފަނިޑޔާރު ޕީޖީގެ ވަކީލާ ސުވާލު ކުރެއްވިއެެވެ.
ފަނޑިޔާރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީގެ ވަކީލު ވިދާޅުވީ، އަދީބު ބަންދު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ގާނޫނުއަސާސީގެ 49 މާއްދާގެ ދަށުން ކަމަށާއި، މީގެ ކުރިންވެސް އަދީބު ފިއްލަވާފައިވާތީ، ދެންވެސް އެކަން އެގޮތަށް ހިނގައިފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
އަދީބު ވަކީލަކު ހަމަޖެއްސުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމާ ބެހޭގޮތުން، ޕީޖީގެ ވަކީލު ވިދާޅުވީ ބަންދުގެ މައްސަލަތަކަކީ ދިގުކޮށް ކުރިޔަށް ގެންދާ މައްސަލަތަކެއް ނޫން ކަމަށެވެ. މި މައްސަލައާ ބެހޭ ގޮތުން ހާޒިރުވާން ޖެހޭކަމަށް އިއްޔެއިން ފެށިގެން އަދީބަށް އެނގިވަޑައިގަންނަވާއިރު، މިއަދާ ހަމަޔަށް ވަކީލަކު ހަމަޖެއްސޭނެ ކަމަށް ދައުލަތުން ދެކޭ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން އަދީބަށް އެ ފުރުސަތު ދެއްވާނަމަ އެކަމާބެހޭ ޝަރީއަތުގެ މަޖިލީހެއް މިއަދު ބޭއްވޭ ގޮތަށް އަދީބަށް ފުރުސަތު ދެއްވުމަށް ވެސް ދައުލަތުގެ ވަކީލު އެދިވަޑައިގެންނެވިއެވެ.
އަދީބު ވިދާޅުވީ ކުރިން ފިލި މައްސަލައިގައި އިއުތިރާފު ވެ، ހުކުމް ކޮށް އެ ހުކުމް ތަންފީޒުވެސް ކުރައްވައިފައިވާ ކަމަށެވެ. އެއް ކުށަކަށް ދެ ހުކުމެއް އިއްވިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދީބަށް ނުފިލޭނެ ކަމުގެ ގެރެންޓީ ޕީޖީ ޝަމީމުވެސް ދެއްވާފައިވާ ކަމަށާއި، އޭނާ އުޅުއްވާ ގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް ގޭގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވާ ކަމަށާއި، ފުލުހުންނާ ނުލައި އެއްވެސް ތަނަކަށް މޫވް ނުކުރާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ، ވަކީލެއް ހަމަޖެއްސުމަށް އަދީބަށް ފުރުސަތު ދެއްވުމަށް މިއަދު 3:00 ގައި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވަން ނިންމާ ކަމަށެވެ. ބަންދުގެ މައްސަލަތަކަކީ، ދިގު ދެމިގެންދާ މައްސަލަތަކެއް ނޫން ކަމަށާއި، އެ މައްސަޔަށް ވާހަކަ ދެއްކެވުގެ އިތުރު ފުރުސަތެއް އަދީބަށް ދެން ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު