ވިލިމާލޭ ކުޑަކުދީންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީމް ވަނީ މިކަން "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވިދާޅުވީ ކުޑަކުދީންގެ ހިޔާގައި ހުރި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު ތަފްސީލު ވަރަށް އަވަހަށް ދެއްވާނެ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކުޑަކުދީންގެ ހިޔާގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވް ވެފައި ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ސީދާ އުމުރު ޔަގީން ނުވި ނަމަވެސް، ވަން އަށް މައުލޫމާތު ހިއްސާކުރި މަސްދަރުން ބުނީ އެކުއްޖާގެ އުމުރުން ވާނީ 10 ނުވަތަ 12 ވަރަކަށް އަހަރު ކަމަށެވެ. އެކުއްޖާ ޕޮޒިޓިވް ވީކަން އެނގިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ވަން އަށް އިތުރަށް އެނގިފައިވާ ގޮތުގައި، ޕޮޒިޓިވް ވި ކުއްޖާ އަކީ ކުޑަކުދީންގެ ހިޔާގައި ކަރަންޓީނުގައި ހުރި ކުއްޖެކެވެ. މީގެ ކުރީން ކުރި ދެ ޓެސްޓުން އެކުއްޖާ ކޮވިޑް 19އަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށާއި ޕޮޒިޓިވްކަން އެނގިފައި މި ވަނީ ތިން ވަނަ ފަހަރަށް ނެގި ސާމްޕަލުން ކަމަށްވެސް ވަން އަށް މައުލޫމާތު ދިން މަސްދަރުން ބުނެ އެވެ.
އެކުއްޖާ ކަރަންޓީނު ކުރީ، ފަރުވާއަށް އިންޑިއާއަށް ގޮސްފައި އައުމާއި ގުޅިގެންނެވެ. އިންޑިއާށް ގޮސް އެކުއްޖާ އެނބުރި ހިޔާއަށް ދިޔައީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެހެން ކަމުން ޕޮޒިޓިވް ވެފައި މި ވަނީ އިންޑިއާއިން އައިތާ 19 ވަނަ ދުވަހު އެވެ.
އެ ކުއްޖާ ގޮވައިގެން އިންޑިއާއަށް ދިޔަ ހަތަރު މުވައްޒަފަކާއި ކުޑަކުދީންގެ ހިޔާގެ މެޑިކަލް މުވައްޒަފެއްގެ އިތުރުން، އިތުރު ދެ މުވައްޒަފަކުވެސް މިކަމާ ގުޅިގެން މި ވަގުތު ކަރަންޓީނު ކޮށްފައިވާ ކަމަށް "ވަން" އަށް ވަނީ އެނގިފަ އެވެ. މީގެ އިތުރުން ހިޔާ އެއްކޮށް ކަރަންޓީނުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ. އެހެން ނަމަވެސް މިކަން އަދި ޔަގީން ކުރެވިފައެއް ނުވެ އެވެ.
ވަން އަށް އިތުރަށް އެނގިފައިވާ ގޮތުގައި، ކޮވިޑަށް ޕޮޒިޓިވް ވީ ކުއްޖާ އަކީ ބަލި ކުއްޖެކެވެ. ވަކި ތަނެއްގައި ބާއްވާފައި އޮންނަ އެ ކުއްޖާ އަކީ ނުހިނގޭ، އަދި ވާހަކަވެސް ނުދެއްކޭ ކުއްޖެއް ކަމަށް އެނގިފައި ވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު