ސަރުކާރު އަދި ރައްޔިތުންގެ މަޖިލީހުން ހިތްހަމަ ނުޖެހޭ ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް، ބޭރުކޮށްލި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބެލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައި ބަހުސްކުރި މައްސަލައާ ބެހޭ ގޮތުންނެވެ.

ގާޒީ އަލީ ރަޝީދުގެ މައްސަލަ ޖޭއެސްސީން ބެލުމުގެ އިތުރުން އަދީބުގެ ދައުވާތައް ބާތިލުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ގޮވާލައި، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

ހަސަން ލަތީފު މި މައްސަލަ ހުށަހަޅުއްވީ އޭގެ ކުރިންދުވަހު ހަމަ އެގޮތަށް، ގާޒީގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށާއި، އަދީބުގެ މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިންޝަމީނުވެސް ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން ލަތީފު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން އުޝާމް ވިދާޅުވީ، ސަރުކާރުން ނުވަތަ މަޖިލީހުން ހިތްހަމަނުޖެހޭ ގޮތަށް ހުކުމެއް ކުރާ ކޮންމެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި ފިޔަވަޅު އަޅާނެކަމަށް ބުނެ ބިރުދެއްކުމަކީ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުން ކަމަށެވެ. ހުކުމަކާމެދު ހިތްހަމަނުޖެހޭނަމަ ހުކުމް އިސްތިއުނާފުކުރުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެ މައްސަލައަކީ އިންސާފުވެރިކަމާއެކު ބަލައި އެކަމުގައި ބައިވެރިވި ފަރާތްތަކަށް ޝަރީއަތުން އަދަބުދޭން ޖެހޭ މައްސަލައެއް ކަމަށެވެ.

ނަމަވެސް މަޖިލީހަށް ހުށަހަޅައިގެން ކުރެވޭ އެ މަސައްކަތަކީ، ބޭނުން ނުވާ ގޮތަކަށް ޝަރީއަތުން ހުކުމެއް ކުރީމާ ފަނޑިޔާރު، ރިޝްވަތު ނެގީ ކަމަށް ތުހުމަތުކޮށް ފަނޑިޔާރުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ވާނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ޖޭއެސްސީއަށް ކަމަށް ގާނޫނުގައި ވަރަށް ސާފު ކޮށް ބަޔާންކޮށްފައި ވާ ކަމަށެވެ. އަދި އެކަން ކުރުމުގެ ފުރުސަތު މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވި މެންބަރަށްވެސް އެބައޮތް ކަމަށް ވިާޅުވިއެވެ.