މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ތަހުގީގުކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއާ ފުލުހުން ބޭނުންކުރަން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާ ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފެށީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ކަމަށް ފުލުހުން ބުންޏެވެ.

"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒާ ފްރެންޑްލީ ސޮފްޓްވެއާއެކެވެ.

މި ސޮފްޓްވެއާގައި އިންޓަސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ. އަދި އެކި ބާވަތުގެ އުޅަނދުފަހަރާއި ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނެއެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށް ގޫގުލް މެޕްސް އާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގު ކުރުމުގެ މަރުހަލާތައް ޒަމާނީ ކުރުމަށާއި ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހެކި ޑޮކިއުމެންޓް ކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ފުލުހުންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި އާ ވަސީލަތްތައް ތައާރަފުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިފަހުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ބައެއް މީހުން ވަނީ މަރުވެފައެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް ވަނީ ޒުވާން އަންހެނަކު މަރުވެފައެވެ. އެ އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ށ. ފޯކައިދޫ، މަގުމަތީގޭ، އުމުރުން 26 އަހަރުގެ އާއިޝަތު މާހިދާއެވެ.

މީގެއިތުރުން، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާއި ބާރު ސްޕީޑްގައި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އަޅަން ސީޕީ ވަނީ އަންގަވައިފައެވެ.

އަދި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުނުވާނަމަ އޮންނަ އުސޫލުގެ ދަށުން ދެން ނައްތާލަން ވެސް ވަނީ ނިންމައިފައެވެ. އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކުގެ ތެރެއިން އެ އަމަލު ތަކުރާރު ކުރާ ފަރާތްތަކުގެ ވަނަވަރު އާންމު ކުރަން ވެސް ވަނީ ނިންމައިފައެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯ އާއި ވީޑިއޯ ފަދަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.