ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ވަޒީފާއިން ވަކިކުރި މީހަކަށް 14 ދުވަހުސް ތެރޭ ވަޒީފާދޭން ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލަައަކީ ތިނެއް މާޗް 2003 އިން ފެށިގެން އެފްއެސްއެމްގެ ބާޖް ކެޕްޓަނެއްގެ ވަޒީފާ އަދާކުރަމުން ދިޔަ، ތ. ވިލުފުށި ވައިމަތީގެ އަހްމަދު ޖައިލަމް ނޯޓިސް ދިނުމަކާ ނުލައި 15 އޭޕްރީލް 2021 ގައި ވަޒީފާއިން ވަކުކުރިކަމަށް ބުނެ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި އޭނާ ބުނެފައި ވަނީ ވަޒީފާއިން ވަކިކުރީ ގާނޫނީ އިމުގެ ބޭރުން މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކޮށް ކަމަށެވެ.
އެހެންކަމުން ޓްރައިބިއުނަލްގައި އޭނާ އެދުނީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނީ އިމުގެ ބޭރުން މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކޮށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އޭނާ ވަޒީފާއަށް އަނބުރާ އިއާދަ ކުރެވޭ ދުވަހާއި ހަމައަށް އަދުލުވެރި ބަދަލެއް ނަގައިދީ، އޭނާ ހުރި ވަޒީފާއަށް ނުވަތަ އެ ފެންވަރުގެ ވަޒީފާއަކަށް އިއާދަކޮށްދިނުމަށް އެފްއެސްއެމްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް ތިނެއް ޖޫން 2021 ގައި އޭނާ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދުނެވެ.
މި މައްސަލަ ބެލުމަށްފަހު، މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާތީ، ޖައިލަމް ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒިފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.
ނަމަވެސް ދެ ފަރާތުގެ މަސްލަހަތައް ބަލައި ވަޒީފާ އިއާދަކޮށްދިނުމަކީ އެންމެ އަދުލުވެރިގޮތްކަމަށް ނުފެންނަ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން ޖައިލަމްއަށް އަލުން އަނބުރާ ވަޒީފާދޭން އަންގާނެ ޖާގައެއް ނެތް ކަމަށް ކަނޑައަޅައި، ގާނޫނާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، ބަދަލެއްގެ ގޮތުގައި، ޖައިލަމް އަދާކުރި ވަޒީފާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 5000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ 3500 ރުފިޔާގެ ނިސްބަތުން ހަ މަސްދުވަހުގެ މުސާރަ އާއި ލިވިން އެލަވަންސްގެ ގޮތުގައި ޖެހޭ ޖުމަލް 51،000 ރުފިޔައަކީ ޖައިލަމަށް ދޭން ޖެހޭ ފައިސާއެއް ކަމަަަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.
މީގެ އިތުރުން މި މައްސަލަ ޓްރައިބިއުނަލުން ނިންމި ދުވަސް ކަމަށްވާ 19 ޖޫމް 2022 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 14 ދުވަސްތެރޭގައި މި މައްސަލައިގެ ހުކުމް ފުރިހަމައަަށް ތަންފީޒު ކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް އެކަން އެންގުމަށް އެފްއެސްއެމްގެ މައްޗަށް ޓްރައިިބިއުނަލުން އަމުރުކުރިއެވެ.
ނަމަވެސް އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޖައިލަމްގެ ފަރާތުން އެ މައްސަަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެއީ އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކުރާކަމަށް ޓްރައިބިއުނަލްގެ ނިންމުމުގައި ކަނޑައަޅާފައި ނެތުމުންނެވެ. ޖައިލަމް ބުނެފައިވަނީ ޓްރައިބިއުނަލްގެ ނިންމުމަކީ ގަނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ، ޖައިލަމް ހުށަހެޅި ނުކުތާތަކަށް ބަލާއިރު އެ މައްސަަލައާބެހޭގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލު ކުރާން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަަމަށެވެ.
ހައިކޯޓުގެ މި ހުކުމާމެދު ހިތްހަމަަނުޖެހިގެން ޖައިލަމްގެ ފަރާތުން އަނެއްކާ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މައްސަަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، މި މައްސަލައިގައި ޓްރައިބިއުނަލްގެ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލު ކަމަށެވެ. އަދި ޖައިލަމް، ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނުނާ ހިލާފަށް ކަމަށް ކަނޑައަޅައި މިއަދުން ފެށިގެން 14 ދުވަހުސް ތެރޭގައި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ، ނުވަތަ އެ ވަޒީފާއާ އެއްފެންވަރެއްގެ އެހެން ވަޒީފާއެއް ފިއުލް ސަޕްލައި އިން އޭނާއަށް ހަމަޖެއްސުމަށާއި، އޭނާ ވަޒީފާ އަދާކުރަމުން ދިޔައިރު ލިބުނު އަސާސީ މުސާރައިގެ ހަ މަސްދުވަހަށްވާ ފައިސާ ޖައިލަމް އަށް ދިނުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ކޮމެންޓް