ސަންޓްރީއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އާސަންދަ ކޮމްޕެނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ޖަވާބު ދޭން ސިވިލް ކޯޓުން އަންގައިފިއެވެ.
މި މައްސަލައަކީ އާސަންދަ އާއި ސަންޓްރިއާ އާ ދެމެދު ހުޅުމާލެ ހޮސްޕިޓަލްގެ ފާމަސީ ހިންގުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމާ އެެއްގޮތަށް ކުއްޔާއި ރެވެނިއުޝެއާގެ ފައިސާ ދައްކާފައިނުވާތީ ހުށަހެޅި މައްސަލައެކެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް ތަން ހުސްކޮށް، އާސަންދައާ އެތަން ހަވާލުކޮށްފައި ނުވާތީ، ސަންޓްރިއާއިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް، ކަނޑައެޅުމާއެކު ތަން ހުސްކުރުމާ ހަމައަށް ކުއްޔާއި ޝެއާ ގެއްލުމުގެ ބަދަލު އަދި ޝަރީއަތުގެ ހަރަދު ހޯދުމަށް ވެސް މި ދައުވާގައި ހުށަހަޅާފައިވެއެވެ.
މި ދައުވާއަށް ޖަވާބުދާރީވަމުން ސަންޓްރިއާއިން ކޯޓުގެ އިހްތިސޯސާ މެދު ސުވާލު އުފައްދައި ހުށަހެޅުމެއް ހުށަހެޅިއެވެ.
އެގޮތުން އެ ފަރާތުން ބުނެފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގެ މެނޭޖް މެންޓާ އާސަންދައިން ހަވާލުވެފައިވަނީ ތިނެއް އޭޕްރީލް 2016 ގައި ކަމަށެވެ. ހޮސްޕިޓަލްގެ ހިންގުން އެކެއް ޖެނުއަރީ 2020 ގައި އާސަންދައިން ވަކިކޮށް ހޮސްޕިޓަލް ހިންގުމަށް ވަކި ގަވާނިން ބޯޑެއްގެ ގޮތުގައި "ގަވާނިން ބޯޑް އޮފް މާލޭ ހޮސްޕިޓަލްސް" އުފައްދައި އެ ބޯޑުގެ ދަށަށް ގެންގޮސްފައިވާތީ ހުޅުމާލެ ހޮސްޕިޓަލާއި އެ ހޮސްޕިޓަލްގެ އިމާރާތް އަދި އެހެނިހެން މުދާ އާ ގަވާނިން ބޯޑުގެ ދަށަށް ބަދަލުވެފއިވާ ކަމަށެވެ.
އެހެންކަމުން އާސަންދައިން ހުޅުމާލެ ހޮސްޕިޓަލް މެނޭޖު ކުރި ދުވަސްވަރު ހަދާފައިވާ އެއްބަސްވުންތަކުގެ، އަދި އެހެނިހެން މުއާމަލާތްތަކުގެ މަސްލަހަތު މިހާރު އޮތީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަށް ކަމަށްވެސް ބުނެފައިވެއެވެ.
އެ ފަރާތުން ބުނާ ގޮތުން ސަބަބަކީ އެ ހޮސްޕިޓަލް މިހާރު މެނޭޖު ކުރަމުންދަނީ އެ ބޯޑުން ކަމަށްވާތީ އާއި އެެ ބޯޑަކީ އިދާރީގޮތުން މިނިސްޓްރީ އޮފް ހެލްތުން ހިންގަމުންދާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ބޯޑެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އާސަންދައަށް މި ދައުވާކުރުމުގެ ހައިސިއްޔަތު ނުލިބޭނެ ކަމަށް އެފަރާތުން ހުށަހެޅިއެވެ.
އާސަންދައިގެ އިހްތިސޯސާމެދު އެ ފަރާތުން އުފެއްދި ސުވާލަށް އާސަންދައިން ޖަބާދު ދިނުމަށްފަހު، މައްސަލައާ ބެހޭގޮތުން ދެ ފަރާތުން ދެއްކި ވާހަކަތަކަށްފަހު، މި މައްސަލައިގައި ސިވިލްކޯޓުން ނިންމީ، މި މައްސަލައަކީ ސަންޓްރިއާއިން ޖަވާބު ދޭން ޖެހޭނެ މައްސަލައެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ދައުވާގެ މައުލޫއުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސަންޓްރިއާގެ ފަރާތުން ދައުވާ ފޯމާ ހަވާލުވިކަން އަންގައި ލިއުން މިމަހުގެ 26 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް ކޯޓަށް ހުށަހަޅަންވެސް ކޯޓުން ވަނީ އަންގައިފައެވެ. އަދި ދައުވާފޯމާ ހަވާލުވިކަން އަންގައިދޭ ލިއުން ހުށަހެޅުމުން، ދައުވާގެ ދިފާއު ހުށަހެޅުމުގެ އަމަލު ކުރަންވީ ގޮތާއި ހުށަހަޅަންޖެހޭ ތާރީހާއި ވަގުތު ކޯޓުން ހިއްސާ ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އިބްރާހިމް ޒަކީ
އާސަންދަ
އާސަންދަ
އާސަންދަ
ކޮމެންޓް